ބިންހެލުން އައި ސަރަހައްދުތަކަށް އެރެދޮގާން ޒިޔާރަތް ކުރައްވައި

ބިންހެލުން އައި ސަރަހައްދުތަކަށް އެރެދޮގާން ޒިޔާރަތް ކުރައްވައި

Author
ހުސެއިން
08 ފެބްރުއަރީ 2023 05:56
0

މިހަފްތާގެ ހޯމަދުވަހު ތުރުކީގެ ދެކުނުގެ ސަރަހައްދަށާއި، އަދި ސީރިއާގެ އުތުރަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވީ މީހުންގެ އަދަދު މަތިވަމުން ދާއިރު، އަދި މި ބިންހެލުމުގައި މީހުން ސަލާމަތް ކުރުމާއި، އެހީ ފޯރުކޮށް ދިނުމުގެ ކަންކަން ތުރުކީގެ ސަރުކާރަށް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭކަމުގެ ޝަކުވާތަކާއެކު، ގިނަބައެއްގެ ނުރުހުން އަމާޒު ވެފައިވަނިކޮށް، އެގައުމުގެ ރައީސް ރެސެޕް ތައްޔިބު އެރެދޮގާން ބިންހެލުން އައި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ބާރުގަދަ ބިންހެލުމުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދާއިރު، އިމާރާތްތައް ބިމާއި ހަމަވެފައިވާ ސަރަހައްދު ތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ލަސްކޮށް ކަމުގެ ޝަކުވާތައްވަނީ ވަރަށް ބޮޑުވެފައެވެ. އަދި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ގާތްތިމާގެ ފަރާތްތަކުން ދަނީ، އެމީހުންގެ އާއިލާގެ މީހުން ސަލާމަތް ކުރެވުމާމެދު ކުރެވެމުންދާ އުއްމީދުތައް ފަނޑުވަމުން ދާކަމަށް ބުނަމުންނެވެ.

އެރެދޮގާންވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ފެށިގެން ދިޔައިރު ކުރިޔަށް ގޮސްފައިވަނީ ލަސްކޮށް ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް ވިދާޅުވެފައިވަނީ، އެއީ ގިނަ މަގުތަކާއި އަދި އެއަރޕޯޓުތައް ބިންހެލުމުގައި ހަލާކުވެފައި ވުމުގެ ސަބަބުން ކުރިމަތިވީ ހާލަތެއް ކަމުގައެވެ.

"އަހަރެެމެން މިވަނީ ބިންހެލުމުން ސަލާމަތްވެފަ. އެހެންނަމަވެސް، ގަދަ ފިނީގައި، އަދި ބަނޑުހައި ހޫނުގައި އަހެރެމެން މިދަނީ މަރުވަމުން،" ކާރިސާގައި ހާލުގައި ޖެހިފައިވާ، ތުރުކީގެ ހަޓަޔާ ޕްރޮވިންސްގެ އަންޓަކާޔާގެ، އުރުމުން 64 އަހަރުގެ މީހަކު ބުނެފައިވެއެވެ.

މި ބިންހެލުމުގައި، ތުރުކީގެ ދެކުނާއި އަދި ސީރިއާއިން 11،000 މީހުން މިހާތަނަށް މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.

ސީރިއާގައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ، އެގައުމުގައި ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ "ވައިޓް ހެލްމެޓްސް"ގެ ފަރާރުން ބުނެފައިވަނީ، މީހުން ސަލާމަތް ކުރުމަށް ލިބިފައިވާ ވަގުތު ފާއިތުވަމުން ދާކަމުގައެވެ.

މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސީރިއާގެ އިދްލިބްގެ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން 6 މީހުންގެ އާއިލާއެއް ސަލާމަތް ކުރި ވީޑީއޯއެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެގެން ގޮސްފައެވެ.

މި ބިންހެލުމަށްފަހު ސީރިއާއިން މިހާރުވަނީ އީޔޫގެ އެހީތެރިކަމަށް އެދިފައެވެ. ސީރިއާއިން އެހީތެރިކަމަށް އެދިފައިވަނީ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އީޔޫއިން އެކުލަވާލާފައިވާ ސްކީމެއް ކަމުގައިވާ، "އީޔޫގެ ސިވިލް ޕްރޮޓެކްޝަން މެކޭނިޒަމް" ސްކީމުން އެހީތެރިކަން ހޯދުމަށެވެ.

ސީރިއާއަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށް ދީފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީއާއި ބަރަސަލްސް ހިމެނޭއިރު، އެމެރިކާއިން ބުނެފައިވަނީ، ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް، އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތައް މެދުވެރިކޮށް އެގައުމުން ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމުގައެވެ.

ތުރުކީއާއި ސީރިއާއަށް އައި ވަރުގަދަ ބިންހެލުމަށްފަހު، ތުރުކީގައި އިއްޔެވަނީ މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެގައުމުގެ 10 ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

މިންގަޑުން 7.8ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މި ސަރަހައްދުތަކުގެ ގިނަ ގެތައް ވަނީ ބިމާއި ހަމަވެފައެވެ. ބިންހެލުން އައިސްފައިވަނީ ތުރުކީގެ ގިޒައިންޓެޕަށް، ހޯމަ ދުވަހުގެ ރޭގެ ދަންވަރު މީހުން ގަދަ ނިދީގައި ތިއްބައެވެ.

އަދި އެއަށްފަހު ހޯމަދުވަހުގެ ތުރުކީގެ ގަޑިން މެންދުރު 13:30ގައިވެސް ވަނީ މި ސަރަހައްދުތަކަށް މިންގަޑުން 7.5ގެ ބާރުމިނުގައި ވަރުގަދަ ބިންހެލުމެއް އައިސްފައެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ މިއީ "އާފްޓަރ ޝޮކް"އެއް (ކުރީގެ ބިންހެލުމުގެ އަސަރެއް) ނޫން ކަމަށާއި، މިއީވެސް ވަރުގަދަ ބިންހެލުމެއް ކަމުގައެވެ.

ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް، ފިނި ގަދަވުމާއި އަދި ސްނޯ ފައިބަމުން ދިއުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން ދާއިރު، ދުނިޔޭގެ ގައުމުތަކުން ދަނީ މީހުން ސަލާމަތް ކުރުމަށް ކުރިޔަށްދަ އޮޕަރޭޝަންތަކަށް އެހީ ފޯރުކޮށްދޭނެކަމަށް ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.