އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތާރުއަޅައިގެން މަގުހެދުމަށް ކުރަމުންދާ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އަސްލަމް އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަނުން އަމީނީ މަގު ހަދަމުންދާ އިރު މަސް ނިމޭއިރު އެ މަގު ނިމޭނެ ކަމަށް ކުރިން އޮތީ ބުނެފައެވެ.
އަސްލަމް މިއަދު މަޖިލީހުގައި ވިދާޅުވީ ދިމާވި ދަތިތަކާ ހުރެ އަމީނީ މަގު ނިމޭނެ ކަމަށް ބެލެވެނީ އެތައް މަހެއް ފަހުން ކަމަށެވެ. އެ މަސައްކަތް ކުރުމަށް އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭ ނިންމާގޮތަށެވެ. 84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމާއި އެއްގޮތަށް ނިންމާނަމަ މި ފެބްރުއަރީ މަސް ތެރޭ ނިންމެން ޖެހެއެވެ. އެހެން ނަމަވެސް މަގުގެ 10 އިންސައްތަވެސް އަދި ނުނިމެއެވެ.
13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްދާ އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.
އަމީނީ މަގު ހަދަން ހަވާލުކުރި މަޝްރޫއަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވެއެވެ. ހާއްސަކޮށް އެ މަޝްރޫއަށް 84 މިލިއަން ރުފިޔާ ހޭދަކުރުމާއި އެކު އެ މަގު ހަދަން ގަސްތައް ކެނޑުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ގަސްތަކަކީ ކިތަންމެ ގިނަ ދުވަސްވީ، އަދި ކިތަންމެ ބިޔަ، ހިޔާދޭ ގަސްތަކެއް ނަމަވެސް އޭގެ ސަބަބުން މަގު އަލުން ޑިޒައިންކޮށް ތަރައްގީކޮށްގެން ބޭނުންކުރާއިރު މަގަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވާނެކަމަށެވެ. އެގޮތުން މަގު ތަރައްގީކުރާއިރު އެ މަގުގައި ޑީވޯޓަރިން ހޮޅިއާއި އެމްޑަބްލިއުއެސްސީގެ ފާޚާނާ ނިޒާމު އަޕްގްރޭޑްކުރުމުގެ އިތުރު ހޮޅިތަކާއި ހައި ވޯލްޓޭޖް ކޭބަލްތަކާއި އަދިވެސް އެހެން ޚިދުމަތްތަކަށް ލާފައިހުރި ހޮޅިތައް އަލުން ވަޅުލާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ގަސްތައް ބޮޑުވެ ދުވަސްވާވަރަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.