ރައީސް ޔާމީންގެ ޙާލަތުން އެނގެނީ ރައީސް ޞާލިޙްގެ ހިތްތިރިކަން: އިމްރާން

ރައީސް ޔާމީންގެ ޙާލަތުން އެނގެނީ ރައީސް ޞާލިޙްގެ ހިތްތިރިކަން: އިމްރާން

Author
ޢަލީ އާދަމް
19 ޖެނުއަރީ 2023 11:26
0

ރައީސް ޔާމީން ޖަލުގައި ގަދަކޮށް ހުންނެވުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިތްތިރިކަން ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސްވެރިން މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ކުރެއްވި ޓްވިޓަކަށް ރައްދުދެއްވައެވެ.

ރައީސް ޔާމީނު ހުންނެވީ ފިސާރި ގަދަކޮށްކަމަށާ، އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެކަމަށް ވިދާޅުވިކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވެއެވެ. އަދުރޭ ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށާ، އަދި އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށާ، މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް ވިދާޅުވެ ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިބުމަށް ރައީސް ޔާމީން ވިދާޅުވިކަމަށެވެ.

އަދުރޭގެ މިޓްވީޓަށް ރައްދުދެއްވައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ މިކަމުން އަންގައިދެނީ ތިމަންނަ ޖަލުގައި ހުރިއިރު ކިތަންމެ އިހާނެތިކޮށް ކަންކަން ކުރިޔަސް ތިމަންނަމެން ޒާތީ ނުވާކަންކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫޙެއް ނެތްކަމާއި ރައީސް ޞާލިޙްގެ ހިތްތިރިކަމާއި އޯގާތެރިކަން ހާމަވާކަމަށެވެ.

ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ، ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލިޔެއެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ބޭއްވި މެއިޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގެވިކަމަށް ތުހުމަތުކޮށެވެ. އެމުޒާހަރާގައި ފުލުހަކަށް ބޮޑެތި އަނިޔާތަކެއްވެ ބޭރުން ފަރުވާހޯދަން ޖެހުނެވެ. އަދި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. އެކަންކަން ހިނގީ އިމްރާނާއި ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކާއި ދެއްވި ހިތްވަރުންކަމަށް އޭރުގެ ސަރުކާރުން ތުހުމަތުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.