މަސްދަރު ހާމަކުރަން ޖެހޭގޮތަށް އޮތް ހެއްކާއިބެހޭ ބިލަށް އަމަލު ކުރަން ފަށައިފި

މަސްދަރު ހާމަކުރަން ޖެހޭގޮތަށް އޮތް ހެއްކާއިބެހޭ ބިލަށް އަމަލު ކުރަން ފަށައިފި

Author
ހުސެއިން
18 ޖެނުއަރީ 2023 01:37
0

ނޫސްވެރިންގެ ކަންބޮޑުވުން އޮތް، އަދި ވަކި ހާއްސަ ހާލަތެއްގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އިސްލާހު ގެނެސްފައިވާ، އަދި ރައީސް ސާލިހު ތަސްދީގުކުރައްވާފައިވާ ހެއްކާ ބެހޭ ބިލަށް އަމަލު ކުރަން ފަށައިފިއެވެ.

ރައީސް ސާލިހު މި ބިލް ތަސްދީގު ކުރައްވާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޖުލައިމަހުއެވެ. ބިލުގައިވާ ގޮތުން ބިލް ތަސްދީގުކުރާތާ 6 މަސްދުވަސްފަހުން ބިލަށް އަމަލުކުރަން ފަށާނެއެވެ. އެމުއްދަތު ހަމަވާގޮތަށް އިނީ މިއަދަށެވެ.

މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

ސަރިކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވީ 50 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރަން ނުފެންނަކަމަށް 5 މެންބަރު އަދި ވަކިކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

ހެއްކާއި ބެހޭ ބިލު ފާސްކޮށްފައިވަނީ އެ ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމުން، އެކަމާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެގޮތުން މި ބިލް ފާސްކުރިދުވަހު މަޖިލިސް ކައިރިއަށް ބައެއް ނޫސްވެރިން އެއްވެ އެކަމުގެ އަޑު އުފުލާފައިވެއެވެ. އެ ނޫސްވެރިންނާއި ބައްދަލުކުރައްވާ މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެ ބިލު ފާސްކުރިނަމަވެސް، ފަހުން އެ ބިލު އިސްލާހުކުރެވިދާނެކަމަށް ވިދާޅުވެ ބިލު ދިފާޢު ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ހެއްކާއި ބެހޭ ބިލުގައި  136 ވަނަ މާއްދާގައި ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ހ) ގައިވާ ބަޔާންކުރަނީ، ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިންމީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކުކަން ހާމަނުކުރާނެކަމަށް އެނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެކަމަށެވެ.

މި ބިލު ރައީށް ތަސްދީްްކުރައްވާފައިމިވަނީ، ނޫސްވެރިން ޕެޓިޘަނެއް ރައީސްއަށް ހުށައަޅާފައިވެސް ވަނިކޮށެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ހެއްކާބެހޭ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ހެއްކާބެހޭ ޤާނޫނާއި (ޤާނޫނު ނަންބަރު: 76/24)، އަންހެނުންގެ ހެކިބަހުގެ ޤާނޫނު (ޤާނޫނު ނަންބަރު: 72/14ޖ.) އުވިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.