ސަރުކާރު ކުންފުނިތަކުގައި ވަރަށްގިނަ ވަޒީފާތައް އުފެދެމުންދާ ކަމަށާއި، ކުންފުނިތަކުން އުފައްދަމުންދާ ވަޒީފާތައް އިތުރުވަމުންދަނީ ކުންފުނިތަކުން ހިންގާ ޕްރޮޖެޓްތައް އިތުރުވަމުންދާތީ ކަމުގައި، ރައީސް އޮފީހުގެ ތަރުޖަމާ މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުގައި އުފެދެމުންދާ ވަޒީފާތަކުގެ އަދަދުވެސް އިތުރުވަމުން ދާކަމުގައެވެ.
އެވިދާޅުވާހެން ވަރަށްގިނަ ވަޒިފާ އެބަ އުފެދޭ އިނގޭތޯ. ވަރަށް ގިނަ ޕްރޮޖެކްޓްތައް އެބަހިނގާ. ހުރިހާ ރަށެއްގަ ތަރައްގީގެ އެކި މަޝްރޫޢުތައް ސަރުކާރު ހިއްސާވާ އަދި ސްޓޭޓް އޯން އެންޓަރޕްރައިސެސްތަކުން އެބަ ކުރިޔަށް ގެންދޭ. މަޝްރޫޢުތައް ގިނަވާވަރަކަށް، ތަރައްގީގެ ޕްރޮޖެކްޓްތައް ގިނަވާ ވަރަކަށް ވަޒީފާ އިތުރުވާނެ އިނގޭތޯ. ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބިގެން އެދަނީ. އެހެންވީމަ މަސައްކަތްތަކެއް ނުހިނގައޭ ވިދާޅުވާ ބޭފުޅުން އަޅުގަޑަށް ހީވަނީ އަނެއްކާ އެނެއްކޮޅުންވެސް އެ ވިދާޅުވަނީ މަސައްކަތްތައް ހިނގާ ވާހަކަ ކަންނޭގޭ. މަސައްކަތް ނެތިއެއް ހަމަ ޔަގީންވެސް އެއްވެސް ތަނަކުން އެއްވެސް މީހަކަށް ވަޒީފާ ދީފައެއް ނޯންނާނެ.
މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ވަޒީފާތައް ދިވެހިންނަށް ލިބެމުންދަނީ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ދާތީ ކަމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ އެއްވެސް ބޭފުޅެއްގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ސްކޫލްތަކުން ބައްދަލުވުންތަކެއް ބާއްވަމުން ނުދާ ކަމަށާއި، ސްކޫލްތައް އަބަދުވެސް ހިނގަމުން ދަނީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ވަޑައިގަންނަވާ ދަތުރުފުޅުތަކާއި ދިމާކޮށްވެސް ސްކޫލުތަކުގައި ބައްދަލުވުންތައް އޮންނަކަމަށާއި، ވަކި ބޭފުޅަކުން ވަޑައިގަންނަވާތީ ސްކޫލެއްގައި ބޭއްވުމަށް ހަމެޖެހިފައިވާ ބައްދަލުވުމެއް ނުބޭއްވުމަކީ ހަމަޖެހޭ ކަމަށް ވެދާނެކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ