ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި، ޖަނާޒާ މިރޭ

ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި، ޖަނާޒާ މިރޭ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2022 03:33
0

މިމަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމަށް އުފަން އެ ރަށު ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު 28 ގެ ކަށު ނަމާދު މިރޭ މަޣްރިބް ނަމާދަށް ފަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

ނިޝާމާ މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އޭނާގެ ޕޯސްޓްމޯޓަމަށް ފަހު މިއަދުގެ ވަގުތެއްގައި ހަށިގަނޑު ވަނީ ރާއްޖެ ގެނެސްފައެވެ. ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ ރިޕޯޓްގެ ނަތީޖާ ދެ ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ.

ކަށުނަމާދު ޕޭޖުގައި އިއުލާނު ކޮށްފައިވާ ގޮތުގައި ނިޝާމާގެ ކަށު ނަމާދު އޮންނާނީ މިރޭ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ނިޝާމާ މަރުވީ އޭނާގެ ފިރިމީހާއާ ދެމެދު ޒުވާބެއް ހިންގި ފަހުން ކަމަށާއި އޭނާ މަރުވި ތަނާހެން ފިރިމީހާ ރަށުން ފިލާފައިފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ އަކީ އދ. ފެންފުށީ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ. އަދި ނިޝާމާ މަރުވެފައި އޮއްވާ ފެނުމުގެ ވަގުތުކޮޅެއް ކުރިން، ފައިޞަލް ރަށުން ފުރައިގެން ދިއުމުންނެވެ. ހާދިސާ ހިނގި ދުވަހު ފުލުހުން ވަނީ ފައިޞަލް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

ކުޅުދުފުށީގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ، އޭނާ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. އެނާއަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ފައިޞަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލުކޮށް، މިހާރު ވަނީ ވަޅުލާފައެވެ.

ނިޝާމާގެ މަރުގެ މައްސަލައިގައި ތުޙުމަތު ކުރާ ފައިޞަލް މަރުވިނަމަވެސް، މައްސަލައިގެ ތަޙުޤީޤު ހުއްޓާނުލާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ފައިޞަލް އަމިއްލައަށް މަރުވާން މަސައްކަތްކޮށް އެފަދަ ޢަމަލެއް ހިންގި މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.