އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާނީ ކޮން ބޭފުޅެއް؟

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާނީ ކޮން ބޭފުޅެއް؟

މިއީ މިހާރު އެމްޑީޕީ ނޫނަސް މުޅި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ސުވާލެކެވެ. ސަބަބުތައް ބައިވަރެވެ.

އަބަދުވެސް ވެރިކަމުގައި ހުންނަ ބޭފުޅަކު ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނަމަ، އެބޭފުޅަކަށް އެތައް އެޑުވާންޓޭޖެއް އޮވެއެވެ. ވެރިކަމުގެ ބާރާ ނުފޫޒެވެ. ސަރުކާރުގެ މުވައްޒަފުންނާއި މުއައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެންނަ މަންޒަރެވެ. ކޮންމެ ރައީސަކުވެސް ވެރިކަމުގައި ހުންނަވައިގެން އިންތިޚާބަށް ވާދަކުރައްވާއިރު، ކުރެވޭ ތުހުމަތެއް އޮވެއެވެ. އެއީ ދައުލަތުގެ މުދަޅާއި ވަސީލަތްތައް ކެމްޕެއިނަށާއި އެއާ ގުޅޭ ކަންކަމަށް ހޭދަކުރައްވާކަމުގެ ތުހުމަތެވެ. އެހެންނަމަވެސް ކޮންމެ ރައީސަކުވެސް އެކަމަށް އިންކާރުކުރައްވައި ދޮގުކުރައްވައެވެ. އެއީ ރައީސަކަށް ވީތީ ލިބޭ އަދި ލިބެންޖެހޭ އިނާޔަތްނޫން ދެވަނަ ކަމެއް ނޫންކަމަށް ވިދާޅުވެއެވެ.

ކޮންމެއަކަސް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކުރިންވެސް ހާމަކުރައްވާފައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ޢާންމު މެމްބަރުން އެޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން އެދޭނަމަ އޮތް ހަމައެކަނި ޗޮއިސްއަކީ އެމަނިކުފާނެވެ. ސަބަބެއްކަމަށް އެމަނިކުފާނު ދައްކަވަނީ މިހާތަނަށް ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެނިފައިވާ ސިޔާސީ ހަޤީގަތެވެ. އެއީ ކޯލިޝަނަކުން ނޫނީ ރާއްޖޭގެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ވެފައި ނެތްކަމެވެ.

2008ވަނަ އަހަރުގެ ރިޔާސީ އިންތިަޚާބު މުޙައްމަދު ނަޝީދު ކާމިޔާބުކުރެއްވީ ކޯލިޝަނަކުންނެވެ. އޭގެފަހުން 2013ވަނަ އަހަރު ޢަބްދުﷲ ޔާމީންވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ހަމަ ކޯލިޝަނަކުންނެވެ. ދެން އޮތީ މިހާރު ހިނގަމުން މިދާ ވެރިކަމެވެ. މިވެރިކަން އުފެދުނީވެސް 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކޯލިޝަނަކުން ކާމިޔާބުކުރެއްވުމުންނެވެ. އެހެންވީމާ ކޯލިޝަނަކުން ނޫން ގޮތަކަށް ރާއްޖޭގެ ރިޔާސީ އިންތިޚާބެއް މިހާތަނަށް ކާމިޔާބު ވެފައި ނެތެވެ. ރައީސް އިބޫ ޤަބޫލުކުރައްވާ ގޮތުގައި އަދިވެސް އެހަޤީޤަތް އޮތީ އެހެންނެވެ.

މީގެ ކުރިން ކޯލިޝަންގެ ސަރުކާރުތަކަށް ވީގޮތާއި މިސަރުކާރުގެ ޙާލަތާ ތަފާތެވެ. މީގެކުރިން ކޮންމެ ވެރިކަމެއްވެސް އުފެދި މާގިނަ ދުވަހެއް ނުވެ ކޯލިޝަން ރޫޅެނީއެވެ. ވެރިކަމުގެ ދައުރު ހަމަވަންދެން ކޯލިޝަނެއް ނޯވެއެވެ. މިފަހަރު ތަފާތެވެ. ކޯލިޝަންގެ ތެރޭގައި ކިތަންމެ މައްސަލައެއް ހުއްޓަސް އަދި ކޯލިޝަން އޮތީ އޮތްގޮތަށެވެ. މިދެންނެވީ ނުރޫޅޭ ވާހަކައެވެ. ކޯލިޝަންގެ އެއްވެސް ލީޑަރަކު މިކަމަކާ ދެކޮޅެއް ނަހަދައެވެ. ތިމަން މަނިކުފާނަކީ އެމްޑީޕީއަށް އޮތް ހަމައެކަނި ޗޮއިސްކަމަށް ރައީސް ޞާލިޙް އެވިދާޅުވަނީ އެހެންވެގެންނެވެ.

މި ކޯލިޝަން އެކުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނާނެކަމެއް އަދި ޔަޤީނެއް ނޫނެވެ. އެހެންނަމަވެސް އެފުރުސަތުއޮތީވެސް ހަމައެކަނި ރައީސް ޞާލިޙާއެކުކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ޢިއުލާންކޮށްފައިވަނީ ރައީސް ޞާލިޙާއި ޕާޓީގެ ރައީސް ނަޝީދެވެ. ނަޝީދަކީ މިހާތަނަށްއައިއިރު ރާއްޖޭގެ އެންމެ މަޤުބޫލު ސިޔާސީ ޝަޚުސިއްޔަތުކަމަށް ބުނެއެވެ. އެމްޑީޕީއަށް ތާޢީދުކުރާ މީހުން ނަޝީދަށް މިހާތަނަށް ދިނީ އާދަޔާ ޚިޔާލު ސަޕޯޓަކާއި ލޯތްބެކެވ. އެކަކަށް އެކަނި އެންމެ ތާޢީދު އޮތް ސިޔާސީ ބޭފުޅަކަށް ފަހަކަށް އައިސް ފާހަގަކުރެވުނީ ނަޝީދެވެ. އެހެންނަމަވެސް އެއީ އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ތާޢީދެއް ނޫންކަން 2008އާއި 2013ގެ ރިޔާސީ އިންތިޚާބުން ނަޝީދަށް ވާނީ އެނގިވަޑައިގެންފައެވެ.

އަނެއް ސުވާލަކީ ނަޝީދު ވެރިކަމަށް ކުރިމަތިލައިފިނަމަ މިހާރު އެމްޑީޕީއާއެކު ތިބި އެހެން ފިކުރުތަކުގެ ޕާޓީތައް ނުވަތަ ކޯލިޝަން އެހެން އޮންނާނެތޯއެވެ. ދީނީގޮތުން ނަޝީދުގެ ވިސްނުންފުޅާ އެބޭފުޅުންނާ ވަރަށް ތަފާތެވެ. އެހެންކަމުން ނަޝީދަށް އެބޭފުޅުންގެ ތާޢީދެއް ނެތެވެ. އެކަން އެބޭފުޅުން ހާމަވެސް ކުރައްވައެވެ. ދެން އޮތީ އެމްޑީޕީގެ ތެރޭގައި ނަޝީދަށް މިހަރު އޮތީ ކުރިންވެސް އޮތް މިންވަރުގެ ތާޢީދަކައި ލޯތްބެއްތޯ އުފެދޭ ސުވާލެވެ. މިކަމަށް ޖަވާބުދެއްވަނީ އެމްޑީޕީގެ ބޭފުޅުންނެވެ. ޒަމާންތަކެއް ވަންދެން އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓުންގެގޮތުގައި ތިބި އެތައްބަޔަކާއި ނަޝީދަށް ތާޢީދުކުރި ސީނިޔަރ އެތައް ބަޔަކު މިއަދު އޭނާ ދޫކޮށް ރައީސް ޞާލިޙުގެ ފަހަތަށް އަރައިފިއެވެ.

ޕާޓީގެ ތެރެއިން ނަޝީދަށް މާބޮޑު ތާޢީދެއް ނެތްކަން ފެންނަ އަނެއްކަމަކީ ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ގެއްލުމެވެ. އެންމެފަހުން މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގެ ދުވަސްވަރު މިކަންވަނީ ހާމަވެފައެވެ. ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީ އަދި މުޅި މަޖިލީހުގެ ނެޖޯރިޓީވެސް އޮތީ ސަރުކާރަށެވެ. އަނެއްކޮޅުން އެންމެފަހުން އޮތް އެމްޑީޕީގެ ކޮންގްރެސްއިން ވަނީ ޕާޓީގެ ތެރޭގައި މިވަގުތު ބާރުގަދައީ ރައީސް ޞާލިޙްކަން ހާމަވެފައެވެ. ޗެއަރޕާސަން އިންތިޚާބުގައި ދެރައީސް ނެރުނީ ދެ ކެނޑިޑޭޓެކެވެ. ކާމިޔާބު ހޯދީ ރައީސް ޞާލިޙްގެ ފަޅިއެވެ. ނަޝީދުގެ ބަރުލަމާނީ ޤަރާރުވެސް ވީ ޖަމަލު ފޮޑިއަކަށެވެ.

މިހުރިހާކަމެއް މިހެން މިވަނީ ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ރައީސް ޞާލިޙް ހައްދަވާ މަކަރަކުންކަމަށް ނަޝީދަށް ތާޢީދުކުރާ މީހުން ބުނެއެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީއަކީ ޢާންމު މެމްބަރުންގެ އެންމެންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންދާ އިންތިޚާބަކަށްވުމަކީ ތަފާތެއްކަމަށް ބުނެއެވެ. އެހެންކަމުން ހަޤިޤީ ބޮޑު މަންޒަރު ފެންނާނީ ޕްރައިމަރީންކަމަށްވެސް ނަޝީދަށް ތާޢީދުކުރާ މީހުން ބުނެއެވެ. އަނެއްކޮޅުން ޕާޓީގެ އިދާރީ ކޮންޓްރޯލް އޮތީ ރައީސް ޞާލިޙުގެ ފަޅީގައިކަމަށް ވުމުން ނަޝީދުގެ ފަޅިން ކުރާ ޝައްކުގެ ކަންކަންވެސް އެބައޮތެވެ.

ކޮންމެއަކަސް ކޮންމެ ސަބަބަކާހެދިވެސް އަސްލު މަންޒަރު ކުރެހޭނީ ޕްރައިމަރީއަށްފަހުއެވެ. އެމަންޒަރު ބަލަން ބޭނޫންނުވާ ބަޔަކު ކުރާ ޝައްކަކުން ޙާލަތު ބަދަލުވެދާނެކަމަށް ނުބެލެވެއެވެ.

އަންނަ ޖެނުއަރީ 28ވީހުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނެއެވެ. މިޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެންބަރުން އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ މިޕާޓީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް އެމްޑީޕީންވަނީ ޢިއުލާނުކޮށްފައެވެ.

އެދުވަހު މި ސުވާލުގެ ޖަބާލު ރަސްމީކޮށް ލިބޭނެއެވެ. އެހެންނަމަވެސް މިހާރުވެސް އަންދާޒާކުރެވޭގޮތުގައި މާބޮޑު ސަަސްޕެންސެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *