ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރި ވުމާއި، މަކަރާއި ޙީލަތް ހެދުމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ރިޝްވަތަކީ ބޮޑުވެގެންވާ ފާފައެއް" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި ރިޝްވަތަކީ އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ރަސްކަލާންގެ ލައުނަތް ޙައްގުވެގެންވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމުގައެވެ.
އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެން ވަނީ، މިފަދަ ކަންކަމުން ދުރުހެލިވެ، އެހެން މީހުންވެސް ދުރުހެލި ކުރުވުމަށް މަސައްކަތް ކުރުން ކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! ރިޝްވަތުން ހޯދާ މަންފާއަކީ ކަނޑައެޅިގެން ޙަރާމް އެއްޗެކެވެ. އެީ ބާތިލް ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި ރިޝްވަތުގެ ތެރެއިން ލިބޭ މަންފާއެއްގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި، ރިޝްވަރު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ހާމަ ކުރަމުން ޚުޡުބާގައި ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ތެރެއިން، ނުވަތަ ޙަރާމް ގޮތްގޮތުން ފައިސާ ހޯދައިގެން އެތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ވެދާނެކަމެއް ކަމުގައެވެ.
ވީމާ، ކޮންމެ މީހެއްގެ ޒިންމާއެއް ކަމުގައިވެސް ވާންވާނީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ ބާރުފޯރާ އެންމެންވެސް މި ނުބައި ވަބާއިން ރައްކާތެރިވުމަށް ނަސޭހަތްތެރިވުން ކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މާތް ރަސްކަލާންގެ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅުތައް ގާއިމްވިޔަ ނުދިނުމަށް ދެވޭ ހަދިޔާއަކީވެސް ރިޝްވަތެވެ. ޒިނޭގެ މައްސަލަތަކުގައްޔާއި، ވައްކަމުގެ މައްސަލަތަކުގައްޔާއި، މަސްތުވާތަކެތީގެ މައްސަލަތައްފަދަ ކުށްތަކުގައި ތުހުމަތުކުރެވި ބަންދު ކުރެވިފައިވާ މީސްމީހުންގެ އަތުން ހަދިޔާގެ ނަމުގައި އެއްވެސް އެއްޗެއް އަތުލުން ހުއްދައެއް ނުވާނެއެވެ. އަދި ސަރުކާރުގެ މަޤާމްތަކުގައި ކަންތައްތަކާއި ހަވާލުވެގެން ތިބޭ މުވައްޒަފުންނަށް، އެކިއެކި މަންފާތައް ހޯދުމަށް ދެވޭ ތަކެއްޗަކީ އެއަށް ކޮންމެ ނަމެއް ކިޔަސް ހަމަ ރިޝްވަތެވެ.
ޚުޡުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްސަބަބަކީ އެކަމުގައި ބައިވެރިވާ މީހުންގެ އީމާންކަން ބަލިކަށިވުމެވެ.