މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް އަރުވަން ނިންމައިފިއެވެ.
ރިލްވާންގެ މަރާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަހަރު ނިމުމުގެ ކުރިން ރައީސް ސޯލިހްއަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައެވެ. މަރުތައް ބަލާ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ޝަރީއަތް ކުރިއަށްދާކަން މިއުވާން އޭރު ފާހަގަކުރެއްވި އެވެ. ރިލްވާން ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔައީ އޮގަސްޓް 2014ގައި ހުޅުމާލެއިންނެވެ.
ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓުން އޮގަސްޓް 2014 ގައި އޭނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގަށް 8 އަހަރު ވެއްޖެ އެވެ. މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަން ފެށީ ކުރިން ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާތީއެވެ.
ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފައެވެ.
އޭގެ ފަހުން ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދާއި ދީނީ އިލްމުވެރިޔާ އަފްރާޝީމްގެ މަރަށް ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލައިފައެވެ. އެ ތިން މީހުން ހައްޔަރުކުރީ މަރު ކޮމިޝަނުގެ ތަހުގީގަށް ލިބުނު ބޮޑެތި ކުރިއެރުންތަކަކާ ގުޅިގެންނެވެ. ޝަރީއަތް ނިމެންދެން ތިން މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.
އެގޮތުން ދައުވާކޮށްފައިވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު 40 އަށެވެ.
ކޮމެންޓު ފޮނުވާ