ކުރީގެ މަޝްހޫރު ބަތަލާ ސޯނަމް އެނބުރި އިންޑަސްޓްރީ އަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފި އެވެ. ކެރިއަރުގެ ވަރަށް ކުރީކޮޅު ކައިވެނިކޮށް، އިންޑިއާ ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރި ސޯން އެނބުރި އަންނަން ބޭނުންވާކަން ހާމަ ކުރީ އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައިއެވެ.
މިހާރު އުމުރުން 50 އަހަރުގެ ބަތަލާ މި އިންޓަވިއުގައި ބުނީ އެކްޓިން އަށް ނުކުތުމަކީ މިހާރު ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި އަދި އޭނާގެ އާއިލާ ވެސް މިހާރު އެކަމަށް ވަރަށް ހިތްވަރު ދެމުން އަންނަ ކަމަށެވެ.
80ގެ އަހަރުތަކުގެ ފަހުކޮޅު އެކްޓިން އަށް ނުކުތް ސޯނަމްގެ ފުރަތަމަ ހިންދީ ފިލްމަކީ 1988 ވަނަ އަހަރު ދެއްކި "ވިޖޭ" އެވެ. ސޯނަމްގެ އެކްޓިން ކެރިއަރު ފެށުމަކީ އޭގެ އެއް އަހަރު ކުރިން ނުކުތް ތެލެގޫ ފިލްމު "ސަމްރާޓް" އެވެ.
ސޯނަމް ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ތުރީދޭވް"، "ވިޝްވާތުމާ"، "އަޖޫބާ" އަދި "ބާޒް" ހިމެނެއެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 1994 ވަނަ އަހަރު ދެއްކި "އިންސާނިއްޔަތު" އެވެ.
އެކްޓަރު ރާޒާ މުރާދާއި ބަތަލާ ޒީނަތު އަމަންގެ އާއިލާ އަށް ނިސްބަތްވާ ސޯނަމް ބުނި ގޮތުގައި އެކްޓިން އަށް ނުކުތުމަށް ދަރިފުޅު ވަރަށް ބާރު އަޅާކަމަށާއި އަދި އެކަމަށް ވަރަށް ހިތްވަރުދޭ ކަމަށެވެ.
އޭނަ ބުނި ގޮތުގައި އެކްޓިން އަށް އަލުން ނުކުންނަން ބޭނުންވާތީ މީގެ ފަސް އަހަރު ކުރިން ވެސް ޕްލޭންތަކެއް ކުރި އެވެ. އެކަމަކު ޕްލޭންކުރި ގޮތަށް ކަންކަން ނުދިއުމާއި ފަހުން ކޮވިޑްގެ ވަބާއާ ހެދި ވެސް ޕްލޭންތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ބުންޏެވެ. އޭނަ ބުނި ގޮތުގައި މިހާރުގެ ޑައިރެކްޓަރުންގެ ތެރޭގައި އަނޫރާފް ކޭޝަޕާއި ވިޝާލް ބަރަދްވާޖާއި ނީރަޖް ޕާންޑޭ ފަދަ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ބޮޑެވެ.
ސޯނަމް 1991 ގައި ކައިވެނިކުރީ "މޮހްރާ" އާއި "ގުޕްތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރަޖީވް ރާއީއާ އެވެ. އޭނަ އަކީ ސޯނަމްގެ "ތުރީދޭވް" އާއި "ވިޝްވާތުމާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ. އަދި އެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ. ސޯނަމް ގެ ހުންނަނީ އެކުއްޖާ އެކަންޏެވެ. އިންޑިއާ ދޫކޮއް ސްވިޒްލޭންޑުގައި އުޅެމުން އަންނަ ސޯނަމް އާއި ރަޖީވް 1991 ވަނަ އަހަރު ކުރި ކަިއވެނި ރޫޅުނީ 2016 ވަނަ އަހަރުގައިއެވެ.
ކޮމެންޓު ފޮނުވާ