މާލެ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީ ދަތުރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ބޭނުންވަނީ ކުޑަގިރިއާ ދެމެދު ދަތުރުކޮށްދޭން ހަތަރު ފެރީ ކަމަށެވެ. ފުރުޞަތު ހުޅުވާލާފައިވަނީ ކުޑަގިރީގައި ކެފޭއެއް ހިންގުމާއި، ސްވެނިއަރ ފިހާރައަކާއި އަދި އާއްމު ތަކެތި ވިއްކާނެ ފިހާރައެއް ހިންގުމަށެވެ. މީގެ އިތުރުން ކުޑަގިރީގައި މޫދު ކުޅިވަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ. ފިހާރައާއި ކެފޭގެ ޚިދުމަތަށް ބޭނުންވާ އިމާރާތްތައް، ޕްރޮޖެކްޓްގެ ޕްލޭންގެ ތެރެއިން ވަނީ ހަދާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ސައިޓް ވިޒިޓެއް އަންނަ ހޯމަ ދުވަހު ބާއްވާނެއެވެ. އެޗްޑީސީން މިކަމަށް ކޮށްފައިވާ އިޢުލާންގައިވާ ލިންކުން، ސައިޓް ވިޒިޓަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ކެފޭއާއި ފިހާރަ އަދި ސްވެނިއަރ ފިހާރައާއި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 4އިން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން 50 އާއި 70 މީހުންނަށް ދަތުރުކުރެވޭ ދެ ފެރީއާއި އަދި 80 އާއި 100 މީހުންނަށް ދަތުރުކުރެވޭ ދެ ފެރީ ހޯދުމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެޗްޑީސީން ވަނީ ފެރީގެ ޚިދުމަތް ބާއްވާ ގަޑިތައްވެސް އިއުލާންކޮށްފައެވެ. އެއީ ހެނދުނު، 06:30، 06:50 އަދި 07:10ގައެވެ. އަދި ހަވީރު ފެރީތައް 17:20، 17:40 އަދި 18:00ގައެވެ. ނަމަވެސް ޝެޑިއުލް ފައިނަލް ކުރާއިރު ބަދަލުތަކެއް އައުން އެކަށީގެންވާކަމަށް އެޗްޑީސީން ބުނެއެވެ.
ކުޑަގިރިއަކީ މާލެއާއި ކައިރި ރަށަކަށްވުމާއެކު ލޯންޗުގައި 08-10 މިނިޓުގެ ދަތުރަކުން ދެވޭނެއެވެ. އަދި ދޯނި ފެރީގައި 25-30 މިނެޓުގެ ދަތުރަކުން ދެވޭނެއެވެ.