ބަޖެޓު ކުޑަކޮށް މަސްވެރިންގެ ސަބްސިޑީ ހިމަނަން ޕީޕީއެމްއިން ގޮވާލައިފި

ބަޖެޓު ކުޑަކޮށް މަސްވެރިންގެ ސަބްސިޑީ ހިމަނަން ޕީޕީއެމްއިން ގޮވާލައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް، މަސްވެރިންގެ ސަބްސިޑީ ބަޖެޓުގައި ހިމެނުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީޕީއެމްއިން ނެރެފައިވާ ބަޔާނެއްގައިވަނީ، 2023ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާގޮތަށް އެކުލަވާލައި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެެއްކަމަށެވެ. އަދި ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ރައްޔިތުން އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ އަސާސީ ބޭނުންތަކަށް ޚަރަދުކުރުމަށްކަމަށްވެސް ޕީޕީއެމްއިން ދެކޭކަމަށް އެބަޔާނުގައި ވެއެވެ.

އެހެންކަމުން މިހާރު ހުށަހަޅާފައިވާ ބަޖެޓު 36 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަށާއި، އަދި ދިވެހި އިޤްތިޞާދުގައި މުހިންމު ބައެއް އަދާކުރާ މަސްވެރިންނަށް ސީދާ މަންފާ ކުރާނެ ގޮތަށް 297،474،863 ރުފިޔާ މަސްވެރިންގެ ސަބްސިޑީއަށް އިތުރުކުރުމަށް ޕީޕީއެމް / ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވާނީ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅާފައިކަމަށްވެސް ޕީޕީއެމްގެ ބަޔަނުގައި ވެއެވެ.

އެހެންކަމުން މި އިސްލާޙަށް ތާޢީދުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން ޕީޕީއެމް / ޕީއެންސީން ވަނީ އެދިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީން މިމަހުގެ 18ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ބަޖެޓް ކޮމެޓީން ފާސްކުރި ބަޖެޓަށް ވަނީ 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން އިތުރު ކުރި ބަޔާއިއެކު ބަޖެޓްވަނީ 42.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ބަޖެޓް ފާސްވެފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް ބަޖެޓަށް ކޮމެޓީން ގެނައި ބަދަލާއިއެކު އަދަދުތަކަށް ބަދަލު އަންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *