އެއްވެ އުޅުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަނީ

އެއްވެ އުޅުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަނީ

Author
ހުސެއިން
25 ނޮވެމްބަރ 2022 08:03
0

އެއްވެ އުޅުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނައުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ހާމަ ކޮށްފިއެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ އެއްވެ އުޅުމަށް މިހާރުވެސް ހުރެހެއް ނެތް ކަމަށާއި، އެހެންނަމަވެސް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ވެރިރަށް މާލޭގައި ހުއްދަ ހޯދުމަކާ ނުލާ އެއްވެ އުޅުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ. މާލޭގެ އެހެން ސަރަހައްދުތަކަށް އެއްވާން ބޭނުންނަމަ ކުރިން ފުލުހުންގެ ހުއްދަ ހޯދާން ޖެހެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ގެނައި މި އިސްލާހާ އޭރުގެ އިދިކޮޅު ފަރާތްތަކުން، މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ވަރަށް ބޮޑަށް ދެކޮޅު ހެދިނަމަވެސް، މި ސަރުކާރު ވެރިކަމަށް އައިސް މި އިސްލާހު ބާތިލް ކޮށްފައެއް ނުވެއެވެ. އަދި މިހާރުގެ އިދިކޮޅު ޕާޓީން ބުނަމުންދަނީ އެއްވެ އުޅުމަކީ ގާނޫނު އަސާސީން ލިބި ދީފައި އޮތް އަސާސީ ހައްގަކަށް ވާތީ އެ ހައްގު ނުހިފެހެޓޭނެ ކަމަށެވެ.

މިގޮތުން މާލޭގެ އެކި ސަރަހައްދު ތަކުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ބައެއް މުޒާހިރާތައް ހުއްޓުވުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކުގައި ފުލުހުންނާ އާންމުންނާ ދެމެދު ހަމަނުޖެހުންތައްވެސް ހިގާފައި ވެއެވެ.

މާލޭގެ ކާނިވާ ފިޔަވާ އެހެން ސަރަހައްދަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލާ އެއްވެ އުޅުން ގާނޫނުން މަނާ ކޮށްފައިވި ނަމަވެސް، މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހިރާ ކުރުމުގެ ފުރުސަތު ފުލުހުން ފަހި ކޮށްދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.