ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްއާއި މުހުޔިއްދންގެ ޕާޓީން

މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ އައުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުހޯދުނު

މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ އައުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުހޯދުނު

މި ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުނު މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގެ އައުލަބިއްޔަރު އެއްވެސް ޕާޓީއަކަށް ނުހޯދި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިނދިކޮޅު ދެ ކެނޑިޑޭޓުން ކަމަށްވާ އަންވަރު އިބުރާހިމްއާއި ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން އިއުލާން ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓުގެ ބޮޑުގައި ގުނައި ނިމުނުއިރު، އުއްމީދީ ކޯލިޝަންގެ ނަމުގައި ވާދަކުރެއްވި އަންވަރު އިބުރާހިމްގެ ޕާޓީއަށް، 222 ގޮނޑި ހިމެނޭ މަޖިލީހުގެ 82 ގޮނޑި ކާމިޔާބު ކުރެވިފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި ގައުމީ އިއްތުހާދުގެ ނަމުގައި ވާދަކުރެއްވި، ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ޕާޓީއަށް 73 ގޮނޑި ކާމިޔާބު ކުރެވުނުއިރު، މެލޭޝިއާގައި ދިގު މުއްދަތަކަށް ވެރިކަން ކުރަމުން އަންނަ، އަމްނޯ-ނޭޝަނަލަން ފްރޮންޓަށް ކާމިޔާބު ކުރެވިފައިވަނީ 30 ގޮނޑިއެވެ. މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރަކީ އެޕާޓީގެ ސޮބުރީއެވެ.

މި ނަތީޖާއާއެކު އަންވަރު އިބުރާހިމް ވަނީ ސަރުކާރެއް އުފެއްދޭވަރަށް އެ ކޯލިޝަނަށް ގޮނޑި ހަމަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ އޭނާއާއި ކޯލިޝަން ހަދާފައިވާ ޕާޓީތައް އިއުލާން ކުރާނީ، ސަރުކާރެއް އުފެއްދުމަށް ރަސްގެފާނަށް ހުށަހެޅުއްވުމަށް ފަހުގައި ކަމުގައެވެ.

ހަމައެއާއެކު ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި، ކުރީގެ ބޮޑުވަޒީރު މުހުޔިއްދީންވެސް ވަނީ ސަރުކާރެއް އުފެއްދޭވަރަށް އެޕާޓީއާއެކު އެހެން ޕާޓީތަކުން ބައިއަތު ހިފާފައިވާކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާގައި ބޭއްވުނު ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގައި 1،000 ވަރަކަށް ކެނޑިޑޭޓުން ވާދަކޮށްފައިވެއެވެ. 222 ގޮނޑިއަށް މެމްބަރުން އިންތިޚާބުކުރާ ގާނޫނުހަދާ މަޖިލިހުގެ މި އިންތިޚާބުގައި ހޮނިހިރުދުވަހު ވޯޓުލުން ބާއްވާފައިވަނީ 220 ގޮނޑިއަކަށެވެ. އަނެއް ދެ ގޮނޑީގެ ވޯޓުލުން ނުބޭއްފައިވަނީ އެއް ސަރަހައްދެއްގައި މާބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުންނާއި އަދި އަނެއް ގޮނޑިއަށް ވާދަކުރަމުންދިޔަ ކެނޑިޑޭޓަކު ކުއްލި ގޮތަކަށް މަރުވުމާއި ގުޅިގެންނެވެ.

މިއިންތިޚާބުގައި މެލޭޝިއާގެ ލަންކާވީ ސިޓީގެ ގޮނޑިއަށް ވާދަކުރެއްވި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުވަނީ ބޮޑު ބައްޔަކުން ބަލިވެފައެވެ. މިއީ 1969 ވަނަ އަހަަރަށްފަހު، އިންތިޚާބަކުން މަހާތީރު ބަލިވި ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *