މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ޚަރަދުކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެކަމުގެ ތަފްސީލު ހޯދަން ހުށަހެޅި ހުށަހެޅުން ފާސްނުވުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަންލަޠީފު ނުރުހުން ފާޅުކުރައްވައިފިއެވެ.
މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ހޯދަން ހުށަހެޅުމުން ކޮމެޓީންވަނީ އެ އިސްލާހު ފާސްނުކޮށް ބޭރުކޮށްލާފައެވެ. ރޭ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މި ތަފްސީލް ހޯދަން ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)އެވެ.
އިސްލާޙު ފާސްނުކުރުމުން ޙަސަން ލަޠީފް ވިދާޅުވެފައިވަނީ ިމިއީ ވަރަށް ދެރަ ކަމެއްކަމަށެވެ. މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސްކަމަށާ، އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސްކަމަށް ހަސަން ވިދާޅުވެފައިވެއެވެ. އަދި އެހެން ނުހައްދަވައި އެތަފްސީލް ދެއްވުމަށާއި އެމްޑީޕީގެ އިތުބާރު ގެއްލުވާނުލުމަށް ޙަސަންވަނީ ގޮވާލައްވާފައެވެ.
މިއީ ވަރަށް ދެރަ ކަމެއް. މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސް އަދި އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސް. އެހެން ނުހައްދަވާ. އެތަފްސީލް ދެއްވާ. MDP ގެ އިތުބާރު ގެއްލުވާނުލައްވާ.https://t.co/1Ih1sGGkum
— Hassan Latheef🎈 (@HassanLatheef) November 19, 2022
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީން ރޭ ވަނީ ފާސްކޮށްފައެވެ.
ބަޖެޓް ކޮމެޓީން ފާސްކުރި ބަޖެޓަށް ވަނީ 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން އިތުރު ކުރި ބަޔާއިއެކު ބަޖެޓްވަނީ 42.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. ބަޖެޓް ފާސްވެފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.
2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް ބަޖެޓަށް ކޮމެޓީން ގެނައި ބަދަލާއިއެކު އަދަދުތަކަށް ބަދަލު އަންނާނެއެވެ.
މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ދެން ކުރިއަށްދާނީ ކޮމެޓީން ބަޖެޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ތަޅުމުގައި ކޮންމެ މެމްބަރަކު 7 މިނިޓްގެ ބަހުސްއެއް ކުރުމަށް ފަހުއެވެ. ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ރައީސް ކުރިން ވިދާޅުވެފައިވާ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ