އެމްޑީޕީގެ މެންބަރުން އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވާފައިވެސް ވޯޓު ދޭނީ "ފޮޅިބަޖެޓަށް"ކަމަށް ވިދާލުވެ ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރަހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރަމުން އެމްޑީޕީގެ ރައީސް ނަޝިދު ފެކްޝަނުންގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ސަރުކާރާ ބަޖެޓަށް ވާހަކަ ދައްކަވާފައެވެ. އެކަމަށް ފާޑުވިދާޅުވެ ޝުޖާޢު ވަނީ އެމްޑީޕީގެ ދެ ފެކްޝަންގެ މެންބަރުންގެ ވާހަކަ އަޑުނޭހުމަށް ގޮވާލައްވާފައެވެ. ދެބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާފަ ވޯޓް ދޭނީވެސް "ފޮޅި ބަޖެޓް"އަށްކަމަށް ޝުޖާޢު ވިދާޅުވިއެވެ.
މާޒީގައި ކަންކަން ހިނގާފައިވާނީވެސް އެހެންކަމަށާއި، އެގޮތުން ފައިސާ ޗާޕް ކުރަން ރުހުންދިނީ ވެސް ހަޅޭ ލަވަލަވާފަ ގުޅިގެންކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބެވޭގޮތް ހެއްދެވީވެސް ގުޅިގެން ”ނޭނގޭ ކަމަކަށް“ހަދައިގެން ތިބެ.ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަންވެސް އެއުޅެނީ ހަމަ ގުޅިގެން.ތިޔަ #ފޮޅިބަޖެޓް ބަހުސް ގައި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ މެމްބަރުންގެ ވާހަކަފުޅު އަޑުަ އައްސަވާ!2/2
— Ibrahim Shujau (@IbrahimShujaau) November 12, 2022
ބަޖެޓުގެ ބަހުސް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލިއިރު، އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރު ޕްރެޝަރަށް ވައްޓާލާފައެވެ. ބަޖެޓަށް ފާޑުވިދާޅުވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމްއާއި، އިމްތިޔާޒު ފަހުމީއާއި، މުހައްމަދު ވަހީދު (ވައްޑެ) އާއި، އިލްޔާސް ލަބީބާއި، ހަސަން ޝިޔާން (ގިޓާ) ފަދަ މެމްބަރުން ހިމެނެއެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އޭނާ ވިދާޅުވީ ފޮނި އުންމީދުތަކަކާއެކު ފާސްކުރި ނަމަވެސް އަހަރު ނިމޭއިރު ބަޖެޓު ވެގެން ދަނީ ހަގީގަތާ ދުރު އެއްޗަކަށް ކަމަށެވެ. އިމްތިޔާޒް ވިދާޅުވީ އަހަރުން އަހަރަށް ބަޖެޓު ބޮޑުވިނަމަވެސް ރައްޔިތުން ވަނީ އިތުރަށް ނިކަމެތި ކަމަށާއި ބަޖެޓު ހޭދަކުރަނީ ގާތް މީހުންނަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ވައްކަމާއި ދެކޮޅަށް "ޒީރޯ ޓޮލަރެންސް" ކިޔާފައި ވެރިކަމަށް އައި މީހުންނަށް ހަޔަރު އަހަރުވީއިރު، ނަތީޖާ އަކީ "ޒީރޯ" ކަމަށެވެ. އަދި މަރުތަކާއި އެނޫންވެސް މައްސަލަތައް ބެލުމަށް ވައުދުވެ ވެރިކަމަށް އައި ސަރުކާރުން ރައްޔިތުންނަށް ދިނީ ހެކިކަމަށް އިންތި ވިދާޅުވިއެވެ.
ބަހުސްގައި ބަޖެޓަށް ފާޑުވިދާޅުވެ ވާހަކަ ތައްވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ ވައްކަމޭ ކިޔައިގެން އައި ސަރުކާރުން ރައީސް ޔާމީންގެ ސަރުކާރަށްވުރެ ކަންކަން ގޯސްކަމަށެވެ. މިސަރުކާރުގެ ވައްކަމުގެ ކަންކަން ރައީސް ޔާމީންގެ ސަރުކާރަށްވުރެ މާބޮޑަށް ގޯސް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ބަޖެޓަކީ ކޮންމެ ގައުމެއްގައި ވެސް ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރާ އެއްޗެއް ކަމަށާއި އެެއީ އެމީހުން ދިރިއުޅުމަށް އެ ބަޖެޓްގެ ސަބަބުން އަންނާނީ ކޮން ހެޔޮ ބަދަލެއްތޯ ބަލަން ބޭނުންވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ނަމަވެސް އެފަދަ ބަދަލެއް މި ބަޖެޓުން އަންނާނެ ކަމަށް އޭނާ ވާހަކަ ދެއްކެވި ރައްޔިތުން އުއްމީދުނުކުރާ ކަަމަށެވެ.
ބޭރުން ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށް ބަޖެޓްގައި ބޮޑު އަދަދެއް ޖަހާފައި ވިޔަސް، އެ އަދަދަށް ފައިސާ ހޯދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ މިދިޔަ ފަސް އަހަރު ދުވަހު ވެސް ބޭރުން ހޯދަން ބަޖެޓްގައި ޖެހި ފައިސާގެ ތެރެއިން ހޯދިފައި ވަނީ އެންމެ 50 ޕަސެންޓް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.