ޓެންޒޭނިއާގެ އެންމެ ބޮޑު އަމިއްލަ އެއަރލައިން ކަމުގައިވާ ޕްރެސިޝަން އެއަރގެ މަތިންދާ ބޯޓެއް އަގައުމުގެ ވިކްޓޯރިއާ ކޯރަށް ވެއްޓި، ބޯޓުން ދަތުރުކުރި 3 މީހަކު މަރުވެއްޖެއެވެ.
އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް 26 މީހަކުވަނީ ސަލާމަތް ކުރެވިފައެވެ.
ޓެންޒޭނިއާގެ ރީޖަނަލް ކޮމިޝަނަރ އަލްބާރޓް ޗަލަމިލާ ވިދާޅުވެފައިވާ ގޮތުގައި މި ބޯޓުގައި 43 މިހަކު ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 39 ޕަސެންޖަރުންނާއި ދެ ޕައިލެޓުންގެ އިތުރުން ދެ ކެބިން ކުރޫންނެވެ.
މި ވަގުތާއިހަމައަށް 26 މީހަކުވަނީ ހޮސްޕިޓަލަށް ގެންދެވިފަ. ރެސްކިއު އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް، އަދި އަހަރެމެން މިދަނީ ޕައިލެޓުންނާއި މުޢާމަލާތު ކުރަމުން.
ޗަލަމިލާ ވިދާޅުވެފައި ވެއެވެ.
ޓެންޒޭނިއާގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއިން ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހާދިސާގައި 3 މީހަކުވަނީ މަރުވެފައެވެ.
މި މަތިންދާ ބޯޓު ފުރާފައިވަނީ ޓެންޒޭނިއާގެ ކޮމާޝަލް ކެޕިޓަލް ކަމުގައިވާ ދާރުއްސަލާމުންނެވެ. އަދި، ބޯޓު ކޯރަށް ވެއްޓިފައިވަނީ ބުކޮބާގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.
މި ބޯޓު ވެއްޓުމަށްފަހު އާންމުވެގެން ގޮސްފައިވާ ފޮޓޯތަކުންވަނީ ވެއްޓުނު ބޯޓުގެ ބޮޑުބައި ފެނު އަޑީގައި ވަނިކޮށް ފެނިފައެވެ. އަދި ފެނުންމަތީގައި ވަނިކޮށް ފެންނާން ހުންނަނީ ފެހި ކުލައިން ފެންނާން ހުންނަ، ބޯޑުގެ ފަހުކޮޅުގެ ފިޔަގަޑު އެކަންޏެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލުހު ހަސަން ވަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިޔަށްދާއިރު، އާންމު ރައްޔިތުން ހަމަހިމޭންވުމަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ