ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި، ކޮންމެ ހާލަތެއްގައިވެސް އަތުވެދާނެ ހަމަލާއަކުން ދިފާއުވުމަށްޓަކައި ރާއްޖޭގެ އެއްލައްކަ ދިވެހިންނަކީ ހަތިޔާރު އުފުލަން ދަންނަ ބަޔަކަށް ވާންޖެހޭކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހިންގެ ދިފާއުގައި ތެދުވެ، ޝަހީދުވެގެން ބިންމައްޗަށް ވެއްޓުނު ޝަހީދުންގެ ހަނދާން ނެތި އެމީހުންގެ ގުރުބާނީގެ އަގު ވައްޓާލައި އެމީހުންނަކީ ފިނޑި މީހުން ކަމަށް ބުނެ، އެ ހަމަލާތައް ރާވައި ތަންފީޒު ކުރި މީހުން މި ދައުލަތުގެ އެމްބަސީގައި ހިމާޔަތްދީ ފޮރުވައިގެން ގެންގުޅުނު ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ނޮވެމްބަރު 3، 1988 ރަމްޒުކޮށްދެނީ މި ފަހުގެ ތާރީހުގައި ރާއްޖޭގެ މިނިވަން ކަމަށް ދިވެހިން ކުރި އެންމެ ބޮޑު ޖިހާދުގެ ގޮތުގައި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިނިވަންކަން ނަގާލުމަށް ދެވޭ ހަމަލާއެއް ރާއްޖެއަށް ދެންވެސް އަމާޒުވެއްޖެނަމަ ގައުމު ސަލާމަތްކުރެވޭނެ ފަދަ ޖީލެއް އުފެދިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަން ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ސްކޫލުތަކުގެ ސިލަބަހުގެ ތެރެއަށް ގައުމިއްޔަތު އިތުރަށް ވައްދަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެ ބޭނުމަކީ އުމަރު ވިދާޅުވި ގޮތުގައި ހަނގުރާމަތަކުގައި ރާއްޖޭގެ އެކި ބަތަލުން ދެއްކި ހިތްވަރާއި އެމީހުންގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
އެއާއެކު ގާނޫނަކުން ރާއްޖެއަށް ނެޝަނަލް ސާވިސް ތައާރަފު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަށާއި ސްކޫލު ނިންމައި ނުކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން އެނގޭ ކުއްޖަކަށް ވާންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން އެބަޖެހޭ ރާއްޖެއަށް ނެޝަނަލް ސާވިސް ތައާރަފުކުރަން. ސްކޫލު ނިންމާފައި ނުކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން ދަންނަ ކުއްޖަކަށް ވާންޖެހޭ. ސިންގަޕޫރުގައި ވެސް އެކަން އޮންނަނީ އެހެން، ސައުތު ކޮރެއާގައި ވެސް އެކަން އޮންނަނީ އެހެން. ޔޫރަޕްގައި ވެސް ކުރި ގައުމުތަކުގައި މިކަން އޮންނަނީ މިހެން އޮންނަނީ.
– އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ނެޝަނަލް ސާވިސް ތައާރަފު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މީގެ 10 ނުވަތަ 15 އަހަރު ފަހުން އެއްލައްކަ ދިވެހިންނަކީ ހަތިޔާރު އުފުލަން ދަންނަ ބަޔަކަށް ވާނެއެވެ. އެއީ ބަޔަކާ ހަނގުރާމަ ކުރަން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ދިފާއު ވަރުގަދަކުރުމަށް ކުރާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އުދުވާނީ ހަމަލާ އިން ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އިންޑިއާ ސިފައިން ހަނގުރާމައިގެ ތެރޭގައި އުޅެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން އައިއިރު، ދުޝަމަނުން ރާއްޖެ އިން ފުރައިގެން ދަނީއެވެ. ފުރައިގެން ދިޔަ މީހުން އަތުލައިގަތުމުގައި އިންޑިއާ ސިފައިން މުހިންމު ރޯލެއް އަދާ ކުރި ކަމަށް އެއްބަސްވެވަޑައިގެން އުމަރު ވަނީ އެ ސިފައިންނަށް ޝުކުރު ދަންނަވައިފައެވެ.
އުމަރު ވިދާޅުވީ ފަގީރުވެ ސަލާން ޖަހާ ހިސާބަށް ދިޔައީމަ، ގައުމެއްގެ މިނިވަން ކަމެއް ނޯންނާނެ ކަމަށެވެ. ރާއްޖޭގައި ކޮންމެ ސަރުކާރެއް އަޔަސް ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ގައުމުތަކުން ލޯން ނަގަމުން އަންނަ ކަން އުމަރު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބާލަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ