ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ ސިދާތު މަލްހޮތުރާ އާއި ކިއާރާ އަދުވާނީ މި އަހަރުގެ ޑިސެމްބަރު މަހުގައި ކައިވެނި ކުރާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މީގެ ދެތިން ހަފްތާ ކުރިން މީޑީއާއިން ބުނި ގޮތުގައި އެމީހުން ކައިވެނި ކުރާނީ އަންނަ އަހަރުގެ އެޕްރިލް ގައެވެ. އަދި އެކަމަށް ދެމީހުންގެ އާއިލާ އިން މިހާރު އަންނަނީ ތައްޔާރު ވަމުން ކަމަށްވެސް ބުނެފައި ވެއެވެ.
އެ ދެ މީހުންނާ ގާތް ބަޔަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ޑިސެމްބަރުގައި ކައިވެނިކުރަން ނިންމައި ވަރަށް ބާރު ސްޕީޑްގައި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި މި ޚަބަރަކީ ޝައްކެއް ނެތް މިންވަރަށް ކަށަވަރު ޚަބަރެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ސިދާތާއި ކިއާރާ ޑޭޓްކުރަން ފެށީ، އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު، "ޝޭރްޝާހް"ގެ ޝޫޓިންގެ ތެރެއިން ދިމާވެގެންނެވެ. އެ ފިލްމަކީ ދެމީހުން އެކުގައި ފެނިގެންދިޔަ އަލަތު ފިލްމު ވެސް މެއެވެ. އަދި ހަމައެއާއި އެކުގައި ފިލްްމ އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.
އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ކިތަންމެ ވަރަކަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެ ދެތަރިން އެކަމަށް އެއްބަސް ވެފައިއެއް ނުވެއެވެ. ނަމަވެސް އެކަކު އަނެއްކެއްގެ ގެއަށް ދެމީހުންވެސް ގޮސްއުޅޭ ތަނާއި ޗުއްޓީ ތަކަށް ދާތަން ޕަޕަރާޒީންގެ ލެންސްތަކަށް ވަނީ މީގެ ކުރިން ވެސް ފެނިފައެވެ.
ދެ ތަރިން ވަރަށް އަވަހަށް ލޯބީގެ ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މީޑިއާތަކުން ދާދި ފަހުން ބުނެފައިވެއެވެ. ނަމަވެސް އެ ފިލްމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް މިހާތަނަށް އަދި މީޑިއާއަށް ތިލަ ވެފައިއެއް ނުވެއެވެ.
ކިއާރާ، 30، އާއި ސިދާތު، 37، ގެ ކައިވެނީގެ ވާހަކަ ދެކެވެން ފަށާފައި މި ވަނީ މި ދެ ތަރިން ރުޅިވެއްޖެކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އަރާފައި ވަނިކޮށެވެ.
މިހާރުވެސް އެމީހުންގެ ކައިވެނީގެ ޕްލޭންތައް ފަށާފައިވާ ކަމަށާއި ކައިވެނީގެ ހަފުލާ ބާއްވާނެ ކަމަށް ބެލެވެނީ ސިދާތު އުފަން ސިޓީ، ނިއު ދިއްލީގައި ކަމަށް ވެސް މީޑިއާތަކުން ބުންނެވެ.