ރާއްޖޭގައި ބޭއްވޭ އެއްވެސް އިންތިޚާބެއްގައި އެއްވެސް ގޮތެއް ނޫނީ ދެން ކޯލިޝަން ނަހަދާނެކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ނ.އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ނ.މަނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީންވަނީ ކޯލިޝަނަކާއިއެކު ވެރިކަން ކުރުމުން ހުރި ގޮންޖެހުންތަކާއި ދަތިތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ކޯލިޝަން ހެދި ޕާޓީތަކާއި، މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހެދުމުން ލިބިގެންދިޔަ ގެއްލުން ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ޔާމީން މަނަދޫގައި މިވާހަކަ ދެއްކެވީ ނ.އަތޮޅަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން "އެމްޑީއޭ"ގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަށް ތާއީދު އޮންނަ ބޮޑު އަތޮޅަކަށް ވާތީއާއި އެއަތޮޅުގައި "އެމްޑީއޭ" ކުރިއެރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ނ.އަތޮޅާއި، ދ.އަތޮޅަކީ ޕީޕީއެމްއިން މުޅިން ދޫކޮށްލާފައިވާ އަތޮޅުތަކެއްކަމަށެވެ.
މިއަތޮޅުތައް ދޫކޮށްލީ ސިޔާސީ ގޮތުން ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އެމްޑީއޭ މަސައްކަތް ކުރުމުން އެޕާޓީއަށް ކަމަށެވެ. އަދި އެކި އިންތިޚާބުތަކުގައި އެދާއިރާތަކުގައި މަސައްކަތް ކުރެއްވީ އެމްޑީއޭއަށް ސިޔާސީ ގޮތުން ކާމިޔާބީ ހޯދައި ދިނުމަށްކަމަށެވެ. އެދެ އަތޮޅުގައިވެސް ޕީޕީއެމް ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް މާޒީގައި ކުރެވިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޯލިޝަންގެ ތަޖުރިބާ ހިއްސާ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް، ކައުންސިލް އިންތިޚާބުގައިވެސް އެއްވެސް ގޮތެއް ނެތިގެން ނޫނީ ދެން ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެން ގުޅުއްވާނެކަމަށެވެ. އެމްޑީއޭގެ ލީޑަރު ސިޔާމަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ އަތޮޅު ބެލެހެއްޓުމަކީ "ގަވަރުނަރަކު ލައިގެން އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް" ނޫން ކަމަށެވެ.
ޔާމީން ވަނީ 19 މަޖިލީހުގައި އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބުނީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަބަބުން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
ސިޔާމަކީވެސް ޔާމީން ފަދައިން އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން އަންނަ ބޭފުޅެކެވެ. 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ސިޔާމަކީ ޔާމީންގެ ކޯލިޝަން ޕާޓްނަރެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބުގައި ސިޔާމް ޔާމީނާއެކު ނުނިކުންނަވައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޕީޕީއެމްއިން އަތޮޅުތެރޭގައި ފަށާފައިވާއިރު، މި އިންތިޚާބުގައި ކޯލިޝަނަކާއި ނުލައި އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާ ސިޔާސީ ދެ ލީޑަރުންނަކީ ރައީސް ޔާމީނާއި، އެމްޑީޕީގެ ރައީސް މުހައްމދު ނަޝީދެވެ. ކޯލިޝަން ވެރިކަމަކީ ރާއްޖެއަށް ކަމުދާ ވެރިކަމެއް ނޫންކަމަށް މެދެބޭފުޅުންވެސް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.
One Response
އަދުރޭމެންނަށް ސާފު ވޭތަ މިވިދާޅުވާ އެއްޗެއް. ބޭކާރު ބޯތަކެކޯތީ.