އަޔުޝްމަން ކުރާނާ އާއި އަނައްނިޔާ ޕާންޑޭ ލީޑުން ފެންނަ "ޑްރީމް ގާލް 2″ ރިލީޒް ކުރާ ތާރީހު އަވަސްކޮށްފިއެވެ.
ބޮލީވުޑްގެ ކާމިޔާބު އެކްޓަރ އަޔުޝްމާން ކުރާނާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ފެނިގެންދާ ފިލްމު "ޑްރީމް ގާލް 2″ ރިލީޒް ކުރަން މީގެ ކުރިން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ 29 ގައިއެވެ.
އެކަމަކު ކާތިކް އާރިޔަން އާއި ކިއާރާ އަދަވާނީގެ "ސަތިޔަޕްރޭމް ކީ ކާތާ' ރިލީޒް ކުރާ ތާރީހާ ފުށުއަރާތީ، ދެ ފިލްމުގެ ޕްރޮޑިއުސަރުން ވާހަކަ ދައްކައިގެން، "ޑްރީމް ގާލް 2″ ގެ ތާރީހު ކުރިއަށް ޖައްސައިލީއެވެ. ނަމަވެސް އަދި ތާރީހެއް އިއުލާނެއް ނުކުރެއެވެ.
މި ފިލްމަކީ 2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޑްރީމް ގާލް"ގެ ސީކުއެލް އެކެވެ. އެ ފިލްމުގެ ލީޑުން ވެސް ފެނިގެންދިޔައީ އަޔުޝްމާން ކުރާނާއެވެ. ނަމަވެސް ލީޑް ބަތަލާ އަކަށް އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ނުޝްރަތު ބަރޫޗާއެވެ.
ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.
"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ.