ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޖިލިހުގެ ގަވާއިދާ ޚިލާފަށްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަންލަތީފު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހާއި ގުޅޭގޮތުން، މުޅި މަޖިލިސް ކޮމިޓީއަށް ގޮސްގެން ބޭއްވި ކޮމިޓީ ޖަލްސާގައި ވާހަކަދައްވަމުން އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 84ވަނަ މައްދާގެ (ހ) ގައި ބުނެފައިވާ އުސޫލުން ނޫންކަމުއެވެ. އޭނާ ވިދާޅުވީ 84ވަނަ މާއްދާގެ (ހ) ސާފުކޮށް ކޯސްޓް އެސްޓިމޭޓެއް ހަހަޅަން ޖެހޭކަމަށް ބުނެފައިވާ ކަމަށާއި، އޭގެ ފޯމެޓެއްވެސް ހަދާފައި އެބައޮތް ކަމަށެވެ.
އެހެންނަމަވެސް މިއަކަށް މިހާރު އަޅާލުމެއް ނޯވޭ ސަރުކާރުން. މީގަ ވަރަށް ސާފުކޮށް އެބަބުނޭ ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ މިންވަރާއި އޭގެ ތަފްސީލު ބަޔާން ކުރަންޖެހޭކަމަށް. އެއީ ބިލް ހުށަހަޅާއިރު… އޭގެ ތެރޭގަ، ތަފްސީލުތަކުގެ ތެރޭގަ އަމްދަނީ ލިބޭނެކަމަށް ލަފާކުރާ ދާއިރާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ މިންވަރު ރުފިޔާއިން، އެ ހިސާބު އަކުރުން އަދަދުތައް އަޅުގަޑުމެންނާ ހަމައަށް އަންނާން ޖެހޭ.
މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލިހުގެ ގަވާއިދާ ޚިލާފަށްކަމަށް ފާހަގަކުރައްވަމުން ހަސަންލަތީފު ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ޒިންމާދާރުކަމާއެކީ މަސައްކަތް ކުރަން ބޭނުންވާކަމަށް ވާނަމަ، މި ހިސާބުތައް ސަރުކާރުން މަޖިލިހަށް ފޮނުވަން ޖެހޭ ކަމަށެވެ.
މިތަނުގައި އެމްޑީޕީގެ 65 މެމްބަރުން ތިބުމަކީ އެއީކީ ސަބަބެއް ނޫން އަޅުގަޑުމެން ސަރުކާރުން ފޮނުވާހާ އެއްޗަކަށް އާއެކޭ ބުނަން.
އޭނާ ވިދާޅުވިއެެވެ.
ކޮމެންޓު ފޮނުވާ