"ދަ ލާސްޓް ފިލްމު ޝޯ" ގެ އެކްޓަރު ކެންސަރު ބަލީގައި މަރުވެއްޖެ

"ދަ ލާސްޓް ފިލްމު ޝޯ" ގެ އެކްޓަރު ކެންސަރު ބަލީގައި މަރުވެއްޖެ

Author
ފާތިމަތު ނާވީ
14 އޮކްޓޯބަރ 2022 06:13
0

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީއަށް އިންޑިއާއިން ފޮނުވަން ނިންމާފައިވާ ގުޖުރާތީ ފިލްމު، "ޗެލޯ ޝޯ" (ލާސްޓް ފިލްމު ޝޯ)ގެ ލީޑު އެކްޓަރު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން 15 އަހަރުގެ ރާހުލް ކޯލީއަކީ އެ ފިލްމުގައި ފެންނަ 6 ޗައިލްޑް އެކްޓަރުންގެ ތެރެއިން ލީޑު އެއް ތަރިއެވެ. ކެންސަރު ބަލީގައި ރާހުލް މަރުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. އޭނާއަކީ އެ އާއިލާގައި އެންމެ ދޮއްޓަށް ހުރި ކުއްޖާއެވެ.

އެ ކުއްޖާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިއަހަރު އެވެ. މީގެ ހަތަރު މަހެއް ކުރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް އޭނާއަށް ފަރުވާދިން ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމަކީ ގުޖުރާތީ ފިލްމަކަށް ވާތީ އާންމުގެ މެދުގައި އެ ފިލްމަކީ އެހާ ބޮޑަށް މަގުބޫލު ފިލްމެއް ނޫނެވެ. 95 ވަނަ އޮސްކާ އެވޯޑްސްއަށް ފޮނުވަން ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން މި ފިލްމު ހޮވިއިރު، ކުރިން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އޮސްކާއަށް އިންޑިއާ އިން ފޮނުވާނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ކަމަށެވެ.

"ލާސްޓް ފިލްމު ޝޯ" ވަނީ މިދިޔަ އަހަރު ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށްފައެވެ. ސިނަމާގައި ފިލްމު އަޅުވަން ނިންމާފައި ވަނީ މި މަހުގެ 14 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.