މިއަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއަށް އުދުވާނީ ހަމަލާ ދޭންފެށީ، ދުނިޔޭގަ އޮތް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއް އަސްކަރިއްޔާއިން، ޖެހިގެން އޮތް އަވައްޓެރި ގައުމު ހިފާ، އެގައުމުގެ ސަރުކާރު ބަދަލުކޮށް، މަދު ހަފްތާތަކެއްގެ ތެރޭގައި އެގައުމުގައި ގޮޑިކޮއްކޮ ސަރުކާރެއް ގާއިމްކުރުމުގެ މަގުސަދުގައެވެ.
އަދި ޔޫކުރެއިންއަށް އެރުމަށް އަސްކަރިއްޔާއަށް އަަމުރު ކުރުމަށްފަހު، ރަޝިއާގެ ރައީސް ލާޑިމިރް ޕުޓިން ދުނިޔެއަށް ދިން އިންޒާރަކީ، މި ހަގުރާމާއިގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކުން ވަދެގެންފިނަމަ، ހީވެސް ނުކުރާވަރުގެ ރައްދެއް ރަޝިއާއިން އެގައުމަކަށް ދޭނެ ކަމުގައެވެ.
ފަނާކުރަނިވި ނިއުކުލިއަރ ހަތުޔާރުން ގައުމުތަކަށް ބިރު ދައްކަމުން، ޔޫކުރެއިން ހިފުމަށް ރަޝިއާއިން ފެށި ހަގުރާމައަށް 7 މަސް ފާއިތުވެގެން ދިޔައިރު ފެންނާން އޮތް ނަތީޖާއަކީ، ގެއްލުން ބޮޑު މިހަގުރާމާގައި ރަޝިއާ ބަލިވަމުން ދިއުމެވެ. ހަގުރާމާއިގެ ކުރީ ކޮޅުގައި ރަޝިއާގެ ބާރުގެދަށަށް ގެނައިން ގިނަ ސަރަހައްދުތައްވެސް، ޔޫކުރެއިންއިން ފާއިތުވެދިޔަ ހަފްތާތަކުގައި ފެށި ރައްދު ހަމަލާތަކުގައި (ކައުންޓަރ އެޓޭކްތަކުގައި) ދަނީ މިނިވަން ކުރަމުންނެވެ.
ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެމުންދާ ހަތިޔާރާއި، އިންޓެލިޖެންސް (ޖާސޫސީ މައުލުމާތު)ގެ އެހީތެރިކަމާއެކު، ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާގެ މައްޗަށް ޔޫކުރެއިންއިން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ކުއްލި ގޮތަކަށް، ހިފާފާއިވާ ޔޫކުރެއިންގެ 4 ސަރަހައްދެއް އެއީ ރަޝިއާގެ ބައެއް ކަމުގައި ކަނޑައެޅުމަށް ޕުޓިން ނިންމެވުމެވެ. އެއާއެކު، ޕުޓިން ދިން އިންޒާރަކީ، ރަޝިއާގެ ސަރަހައްދުތައް އެގައުމުން ކޮންމެފަދަ އަގެއް ދައްކައިގެން ނަމަވެސް ހިމާޔަތް ކުރާނޭ ކަމުގެ އިންޒާރެވެ.
ރަޝިއާގެ ރައީސްގެ މި އިންޒާރާއެކު، އަދި ހަގުރާމާގައި ރަޝިއާ ބަލިވެ، ޕުޓިން އެކަހެރިވަމުންދާ ދިއުމުގެ ނަތީޖާއަކީ، މި ހަނގުރާމާއިގެ މިސްރާބު އަބުރާލުމަށްޓަކާ ރަޝިއާއިން ނިއުކުލިއަރ ހަތިރާރުގެ ބޭނުން ކުރުން ކަމުގައި އަސްކަރީ މާހިރުން ގެންދަވަނީ ވިދާޅު ވަމުންނެވެ.
ހަމަ އެއާއެކު، ރަޝިއާގެ ރިޒާވް ފޯރސް ހަގުރާމައަށް ނެރުމަށް ޕުޓިން ނިންމެވި ނިންމެވުމާއެކު، ރަޝިއާގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ކުރިޔަށްދާ ހަގުރާމައަށް އަމާޒުވެފައިވާ ނުރުހުމާއެކު، ޕުޓިންއަށް ކުރިމަތިވަމުންދާ ބޮޑެތި ޕްރެޝަރތަކުގެ އާޚިރު ނަތީޖާއަކީ، 1945 ވަނަ އަހަރަށްފަހު ދުނިޔޭގައި ފުރަތަމަ ފަހަރަށް ނިއުކުލިއަރ ހަތުޔާރުގެ ބޭނުން ކުރުން ކަމުގައި ދެކި، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ދުނިޔޭގެ ގައުމުތަކުގެ މެދުގައިވަނީ އުފެދިގެން ގޮސްފައެވެ.
އަދި މި ހަނގުރާމާގައި ނިއުކުކިއަރ ހަތިޔާރުގެ ބޭނުން ނުކުރަމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާށް ދެމުންދާ އިންޒާރުތަކާއެކުވެސް، ޔޫކުރެއިންއާއި ދެކޮޅަށް ޕުޓިން، "ބާރު ދަށް" "ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރު" (ކުރު ރާސްތާ، ސައިޒުން ކުޑަ ނިއުކުލިއަރ ހަތިތާރު)ގެ ބޭނުން ކޮށްފާނޭކަމުގައި ހުޅަނގުގެ ގައުމުތަކުން ދަނީ ބުނަމުންނެވެ.
ހަމަ އެއާއެކު ފާހަގަވާން އޮތް ކަމަކީ، ޕުޓިންގެ އެންމެ ގާތް، އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުން ކަމުގައިވާ ޗެޗްނިއާގެ ލީޑަރ ރަމްޒާން ކަޑިރޯވްއާއި، ޕުޓިންގެ ކުލީ ސިފައިންގެ ކުންފުނި ވޭންގަރއަށް ފައިނޭންސްކުރާ ޔެވްގެނީ ޕްރިގޮޒިންވަނީ ޔޫކުރެއިން ހަގުރާމާގައި ނިއުކުލިއަރ ހަތިޔާރުގެ ބޭނުންކުރުމަށް ފާޅުގައި ޕުޓިންއަށް ގޮވާލައްވާފައި ވާކަމެވެ.
ޕުޓިން ޔޫކުރެއިންގައި ބޭނުން ކޮށްފާނީ ކޮންހަކަލަ ނިއުކުލިއަރ ހަތިޔާރެއް؟
ރަޝިއާގެ އަސްކަރިއްޔާގައި ހުރި ޓެކްޓިކަލް ނިއުކުއަރ ހަތިޔާރު (ހަގުރާމާގައި ބޭނުންކުރާ ކުރު ރާސްތާ، ސައިޒުން ކުޑަ ނިއުކުލިއަ ހަތިޔާރު) ތަކަކީ ގިނަބަޔަކަށް އެ ހަތިޔާރުތަކާއިބެހޭ މާގިނަ މައުލޫމާތުތަކެއް އެގެން ހުރި ހަތިޔާރުތަކެއް ނޫނެވެ. އެހެންނަމަވެސް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ހަތިޔާރުތައް އެތައް ގިންތިއަކަށް ބެހިގެން ދެއެވެ.
ނިއުޔޯކު ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕުޓިންގެ އަތުގައިހުރި މިބާވަތުގެ ނިއުކުލިއަރ ހަތިޔާރުގެ އަދަދު 2،000 އަށް އަރައެވެ.
އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރަޝިއާއިން ޔޫކުރެއިންގައި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފާނެކަމަށް ބަލާ، މިފަދަ ހަމަލާއެއް ޔޫކުރެއިންއަށް ދީފިނަމަ ކަން ވެގެންދޭނޭ ގޮތާއި އެފަދަ ހާލަތެއްގައި އެމެރިކާއިން އަމަލް ކުރާނޭ ގޮތްތަކުގެ މޮޑެލްތަކުގެ ކޮމްޕިއުޓަރ ސިމިއުލޭޝަންތައް (އަސްލު ހާލަތު ދައްކުވައިދޭ ކޮމްޕިއުޓަރ ޓެސްޓުތައް) އެމެރިކާގެ ނިއުކުލިއަ ލެބްތަކާއި، އިންޓެލިޖެންސް އޭޖެންސީތަކާއި، އަދި ޕެންޓަގަންއިން ހަދަމުންދާތާ މިހާރުވަނީ މަސްތަކެއް ފާއިތުވެގެން ގޮސްފައެވެ.
އެހެންނަމަވެސް، ރަޝިއާގެ އަސްކަރިއްޔާގައި ހުރި ނިއުކުލިއަރ ހަތިޔާރުތަކުގެ ބޮޑުމިނާއި އަދި ވައްތަރުތަކަށް ބަލާއިރު، މިފަދަ މޮޑެލްއެއް އެންމެ އަކަށީގެންވާ ގޮތުގައި ހެދުމަކީ ފަސޭހަކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ނުދެކެއެވެ.
ދަ ޓައިމްސް މަޖައްލާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާގެ އަތުގައިހުރި ކުރު ރާސްތާ (ޓެކްޓިކަލް) ނިއުކުލިއަރ ހަތުޔާރުތަކަކީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށާއި ނަގަސާކީއަށް އެޅި އެޓޮމިކް ބޮމުގެ އެތައް ގުނައެއް ބާރުދަށް ހަތިޔާރު ތަކެކެވެ. އަދި މި މަޖައްލާގައި އިތުރަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާގައި ހުރި، ޔޫރަޕުން އެންމެ ބޮޑަށް ކަންބޮޑުވާ ނިއުކުލިއަ ހަތިޔާރަކީ އެގައުމުގެ ސުޕަރ ސޮނިކް އިސްކަންދަރު-އެމް (Iskander-M missile) މިސައިލްތަކުގައި ހަރުކުރެވޭ، ބަރު ވާރހެޑްތަކެވެ. ރަޝިއާގެ އިސްކަންދަރު-އެމް މިސައްލްއަކީ ޔޫރަޕްގެ ހުޅަނގުގެ ސިޓީތަކާއި ހަމައަށް ފޯރުމުގެ ގާބިލްކަން ލިބައިވާ މިސައިލްތަކެކެވެ.
ރަޝިއާއިން ހިސާބު ކޮށްފައިވާ ގޮތުގައި، އެގައުމުގެ އިސްކަންދަރު މިސައިލްތައް ބޭނުންކޮށްގެން ނިއުކުލިއަރ ހަތިޔާރެއް ގޮއްވާލައިފިނަމަ، އެންމެ މަދުވެގެންވެސް ޖަޕާނުގެ ހީރޯޝމާއަށް ވައްޓާލި ބޮމުގެ ދިންބައި ކޮށްފަ އެއްބައާއި އެއްވަރުގެ ބާރުގަދަ ގޮވުމެއް ގޮވާނެއެވެ.
އަދި އޭގެ އިތުރުން، ރަޝިއާއިން ހަގުރާމާއިގެ މައިދާނުގައި، ކުރު ރާސަތާގެ، ޓެކްޓިކަލް ނިއުކުލިއަރ ހަތުޔާރުގެ ބޭނުން ކުރަން ބޭނުން ވެއްޖެނަމަ، ހަ އިންޗީގެ އާރޓިލަރީ ޝެލްއެއްގެ ބޭނުން ކޮށްގެން ސައިޒުން ކުޑަ ނިއުކުލިއަރ ހަތުރާރުން ޔޫކުރެއިންގެ ފައުޖުތަކަށް ހަމަލާ ދެވިދާނެއެވެ. މިގޮތުން ދޭ ހަމަލާއެއް ޔޫކުރެއިންގެ އަސްކަރީ ބޭސްތަކަށް ނުވަތަ ކުޑަ ސިޓީއެއްގައި ގާއިމްވެ ތިބޭ އަސްކަރީ ފައުޖުތަކާއި ހަމައަށް ފޯރާނެއެވެ.
އެހެންކަމުން، ރަޝިއާއިން އެގައުމުގެ އަސްކަރިއްޔާގައި ހުރި ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރު ތަކުގެ (ކުރު ރާސްތާ ނިއުކުލިއަރ ހަތިޔާރު ތަކުގެ) ބޭނުން އެކަނި ކުރި ނަމަވެސް، އެފަދަ ހަމަލާއެއް ވެގެންދާނީ ޔޫކުރެއިންގެ އަސްކަރިއްޔާއަށް ތަހައްމަލް ކުރަން ދަތި ހަމަލާއަކަށެވެ. އަދި އެފަދަ ހަމަލާއެއް އަމާޒުވެގެންދާ ސަރަހައްދަކަށް ބަރުދާސްތުކުރަން ދަތި ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެއެވެ.
ލިބޭނީ ކިހާވަރެއްގެ ގެއްލުމެއް؟
1945 ވަނަ އަހަރަށްފަހު ދުނިޔޭގެ ބާރުގަދަ ގިނަ ގައުމުތަކުން ނިއުކުލިއަރ ހަތިޔާރުގެ ގާބިލްކަން ހޯދާފައިވިނަމަވެސް، އެއަށްފަހު އަމަލީގޮތުން ދުނިޔެ މި ހަތިޔާރުގެ ތަޖުރިބާ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތަކާއެކު، މިފަދަ ހަތިޔާރެއްގެ ބޭނުން ކޮށްފިނަމަ، ހަތިޔާރުގެ ބޭނުންކުރެވޭ ސަރަހައްދަކަށާއި އަދި އިންސާނުންނަށް ލިބިގެންދާނޭ ގެއްލުންތައް ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވެން އެބަހުއްޓެވެ.
ހަގުރާމައިގެ މައިދާނެއްގައި ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރެއް ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އޭގެ ރޭޑިއޭޝަންގެ ސަބަބުން ލިބޭނެ، ދިގު މުއްދަތަކަށް ދެމިހުންނާނޭ ގެއްލުމުގެ ނިސްބަތް ބިނާވަނީ ބޭނުންކުރެވޭ ހަތިޔާރުގެ ބޮޑު މިނާއި، އަދި ބޭނުންކުރާ ވަގުތުން ފެށިގެން ވައިޖެހޭ ގޮތެއްގެ މައްޗަށެވެ.
އެހެންނަމަވެސް މިގޮތުން ބޭނުން ކުރެވޭ އެންމެ ސައިޒުން ކުޑަ ނިއުކުލިއަރ ހަތިޔާރެއްގެ ސަބަބުންވެސް އެތައްހާސް ބަޔަކު މަރުވެ، އަދި އެ ހަތިޔާރެއް ބޭނުން ކުރެވޭ ސަރަހައްދަކީ އެއްތައް ޒަމާނެއް ވަންދެން އިންސާނުންނަށް ދިރި ނޫޅެވޭނެ ސަރަހައްދަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ.
ޔޫކުރެއިންއަކީ އަގައުމުގެ ފަސްގަޑުގައި މިފަދަ ހާދިސާއެއް ހިގާފައިވާ ގައުމަކަށް ވުމުން، މިފަދަ ހާދިސާއެއްގެ ދިރިހުރި މިސާލުތައް މިހާރުވެސް އެގައުމުން ފެންނާން އެބަހުއްޓެވެ. އެއީ 1986 ވަނަ އަހަރު ހިނގި ޗެރޮނޮބީލް ނިއުކުލިއަރ ކާރިސާއެވެ. މި ހާދިސާއަސް 36 އަހަރު ފާއިތުވެގެން ދިޔައިރު މި ސަރަހައްދަކީ އަދިވެސް މީހުންނަށް އާބާދުވެ ދިރި ނޫޅެވޭ، ފަޅު ސަރަހައްދެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ.
ޓައިމްސް މަޖައްލާގައި ބުނެފައިވާ ގޮތުގައި، ޗެރެނޮބީލް ރިއެކްޓަރ ގޮވާ، 1986 ވަނަ އަހަރު ހިގި ހާދިސާގައިވެސް ކަން ހިގައިދިޔަ ގޮތަށް، ރަޝިއާއިން ޔޫކުރެއިންއަށް ދޭ ނިއުކުލިއަރ ހަމަލާއެއް ދޭ ވަގުތު، އިރުމަތީ ފަރާތުން ވައިޖެހޭ ކަމަށް ވާނަމަ، ރަޝިއާއިން ބޭނުންކުރާ ނިއުކުލިއަރ ހަތިޔާރުގެ ރޭޑިއޭޝަންގެ އަސަރު ފަސޭހަކަމާއެކު ރަޝިއާގެ ސަރަހައްދުތަކާއި ހަމައަށް ފޯރުމުގެ ފުރުސަތު ވަރަށްވެސް ބޮޑުވާނެއެވެ.
ހަގީގަތަކީ އަމަލީގޮތުން ކަން ހިގާފާނެ ގޮތެއް ޔަގީންކަމާއެކު އަންދާޒާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން.
ރޭންޑް ކޯޕަރޭޝަންގެ ޕޮލިސީ ރިސާޗަރއެއް ކަމުގައިވާ އެޑްވާރޑް ގެއިސްޓް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވާ ގޮތުން، މިފަދަ ހާލަތެއްގައި ނިއުކުލިއަރ ހަތިޔާރެއް ގޮވުމުގެ ސަބަބުން ބޭރުވެގެންދާ ރޭޑިއޭޝަންއާއި، އަދި އެ ގޮވުމުން ބޭރުވާ މައުދަންތައް ވަށައިގެންވާ މާހައުލުގައިވާ މާއްދާތަކާއި އެކުވެގެން ދިއުމުން ދެން ނިކުންނާނޭ ނަތީޖާއި ކޮށްފާނޭ އަސަރުތަކާއި އަދި އޭގެ ފަހުން ހާލަތު ބަދަލުވެގެން ދާނޭ ގޮތް ދެނަގަތުމަކީ ވަރަށްވެސް އުދަގޫ ހާލަތެކެވެ.
ސަބަބަކީ ނިއުކުލިއަރ ހަތިޔާރުގެ ތަޖުރިބާ ދެނެގަތުމަށް ހަދަމުންދާ މޮޑެލްތަތަކުގައި ބޭނުންކުރަމުންދާ ޑާޓާތަކަކީ އަދިވެސް ފިނި ހަނގުރާމައިގެ ދުވަސްވަރުގެ އެޓްމޮސްފެރިކް ނިއުކުލިއަރ ހަތިޔާރުތަކުގެ ޓެސްޓުތަކުގެ ޑާޓާތައް ކަމަށް ވާތީއެވެ. އެހެންކަމުން މި މޮޑެލްތަކުގެ ނަތިޖާތަކަކީ އަދުގެ ހާތަލާއި ނުބައްދަލު، ނަތީޖާތައް ސީދާ ނުވެދިއުމުގެ، ނުވަތަ އިންސާނުންނަށާއި ތަކެއްތަށް ނުވަތަ މާހައުލަށް ލިބިގެންދާނޭ ގެއްލުންތައް އެންމެ ރަގަޅަށް ވަޒަންކުރުމުގެ ފުރުސަތު ނެތް މޮޑެލްތަކެއް ކަމުގައިވެސް ނިއުކުލިއަތ ތަޖުރިބާކާރުން ދެކެވެއެވެ.
ހަމަ އެއާއެކުވެސް، މިހާރުގެ އެންމެ ފުރިހަމަ މޮޑެލްތައް ބުނާ ގޮތުން، ނިއުކުލިއަރ ހަތިޔާރެއް، ބިމުން މަތީގައި ރައްކާތެރި އުސްމިނެއްގައި ގޮއްވާލި ނަމަވެސް، އެ ގޮވުމުގެ ނަތީޖާއެއްގެ ގޮތުން ޖައްވައް އަދިރިކަން އަންނާނޭ ވަރުގެ ބޯ ވިލާގަޑެއް އުފެދި، ރޭޑިއޯއެކްޓިވް ވާރޭގެ ތިކިތައް ބިމަށް ވެހޭނެއެވެ. އަދި ނުރައްކާތެރި ދަރަޖައަކަށް ބިން ރޭޑިއޯއެކްޓިވް މާއްދާތަކުން ތަޢައްޔަރު ވެގެން ދާނެއެވެ.
ނިއުލުކިއަރ ހަތިޔާރުގެ ބޭނުން ކޮށްގެން ރަޝިއާއަށް ހަގުރާމަ ކާމިޔާބު ކުރެވިދާނެތަ؟
އަސްކަރީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރު (ކުރު ރާސްތާ، ސައިޒުން ކުޑަ ނިއުކުލިއަރ ހަތިޔާރު)ގެ ބޭނުން ކޮށްގެން، އޭގެއިން އުފައްދާދޭ ބިރުވެރިކަމުގައި ޕުޓިންއަށް ވަގުތީ ކުޑަ ކާމިޔާބެއް ލިބުމުގެ ފުރުސަތު އޮތް ކަމުގައިވި ނަމަވެސް، ޕުޓިންގެ ހަގުރާމައިގެ ލަނޑުތަކާއި ހަމައަށް ވާސިލް ވެވުމަކީ ނާދިރު ކަމެކެވެ.
އިންސްޓިޓިއުޓް އޮފް ދަ ވާރ (ISW) ތިންކު ޓޭންކުން އަންދާޒާ ކޮށްފައިވާ ގޮތުގައި، މިހާރު ކުރިޔަށްދާ ހަގުރާމައިގެ މައިދާނުގައި ރަޝިއާއިން ޓެކްޓިކަން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްގެން، ޕުޓިންއަށް ހާސިލްކުރެވޭނެ އެންމެ ބޮޑު ނަތީޖާއަކަށްވެސް ވެގެން ދާނީ ހަގުރާމައިގެ ކުރީ ސަފުތައް ތިބި މިންވަރުގައި ކުރިއަށް ޖެހުނަ ނުދީ ހިފެއްހެއްޓެވުމެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއިން މިހާރު ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތައް އިތުރަށް ގެއްލިގެންދިޔަ ނުދީ ރަޝިއާއަށް ހިފެހެއްޓިދާނެއެވެ. ހަމައެއާއެކު، މި މިންވަރަށް ހަގުރާމާގައި ކާމިޔާބު ހޯދުމަށްވެސް ޕުޓިންއަށް ގިނަ އަދަދެއްގެ ޓެކްޓިކަލް ނިއުކުލިއަޔ ހަތިޔާރުތަކުގެ ބޭނުން ކުރާން ޖެހޭނޭކަމަށް ISW އިން އަންދާޒާ ކުރެވެއެވެ.
މި ތިންކު ޓޭންކުން ދެކޭ ގޮތުގައި މި ދަރަަޖައަށް ރަޝިއާއިން މި ހަނގުރާމާގައި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ، ހުޅަގުގެ ގައުމުތަކުން، ރަޝިއާއަށް ތަހައްމަލް ނުކުރެވޭނޭ ދަރަޖައަށް ބަދަލު ހިފުމުގެ ރިސްކު ރަޝިއާއަށް އިންތިހާއަށް މަތިވެގެން ދިއުމެވެ. އަދި އެއީ ރަޝިއާއަށް ދެއްކިދާނެ އަގެއް ކަމުގައިވެސް މި ތިންކު ޓޭންކުން ނުދެކެއެވެ.
ނޭޓޯގެ ޔޫރަޕްގެ ފައުޖުތަކުގެ ކުރީގެ ސުޕްރީމް އެލައިޑް ކޮމާންޑަރ ރިޓަޔަރޑް ޖެނެރަލް ވެސްލީ ކްލާކު ވިދާޅުވަފައިވާ ގޮތުގައި، ހަރަކާތްތެރި ވަމުންދާ ޔޫކުރެއިން ފައުޖުތަކާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި ޓެކްޓިކަލް ނިއުކުލިއަރ ހަތުޔާރުގެ ބޭނުން ކުރުންވެސް ވެގެންދާނީ ދަތި ކަމަކަށެވެ. އަދި މިއީ އެމެރިކާގެ އަސްކަރިއްޔާގައި އެތައް އަހަރުތަކެއް ވަންދެން ތަޖުރިބާކޮށް، ތަހުލީލުކޮށް އޭގެ ހަގީގީ ފައިދާއެއް ނުކުމެދާނެކަމަށް ދައްކާފައި ނުވާ މޮޑެލްއެއްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ހިގަމުންދާ ހަނގުރާމައިގެ މައިދާނެއްގައި ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރުގެ ބޭނުންކޮށްގެން ނިކުންނާނޭ ނަތީޖާއަކީ، ލަނޑުދަނޑިތަކާއި ހަމައަށް ވާސިލް ނުވެވި، އެއިން ސަލާމަތް ނުވެވޭވަރު ހައިޖާންގަޑެއްގެ ތެރެއަށް ވެދެވުން އެކަންޏެވެ.
ISW ތިންކު ޓޭންކުން ބުނާ ގޮތުގައި، ޔޫކުރެއިންއަށް ބޮޑު ޝޮކެއްދީ، އެގައުމުގެ ފައުޖުތަކަށް އަމާން ދިނުމަށް މަޖުބޫރު ކުރުވާ، އަދި ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެމުންދާ އަސްކަރީ އެހީތައް ހުއްޓުވުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ރަޝިއާއަށް، ޔޫކުރެއިންގެ އާބާދީތަކަށް ނުވަތަ މުހިންމު އިމާރާތްތައް ހިމެނޭ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ޓެކްޓިކަލް ނިއުކުލިއަރ ބޮންތަކެއް އަޅާ، ޔޫކުރެއިންއަށް ނިއުކުލިއަރ ޓެރަރިސްޓު ހަމަލާއެއް ދެވިދާނެއެވެ. އެހެންނަމަވެސް ތަޖުރިބާކާރުން މިހާރު ވިދާޅުވާ ގޮތުގައި މިފަދަ ހާލަތެއްގެ ނަތީޖާއިންވެސް، މިހާރު ހަގުރާމައިގެ ހާލަތު ބަދަލުވެގެން ގޮސްފައިވާ ގޮތަށް ބަލާއިރު، ޔޫކުރެއިންއާއި ހުޅަގުން އަމާން ދިނުމަކީ ނާދިރު ކަމެކެވެ.
އަދި އެފަދަ ހާލަތެއްގައި އެންމެ ގާތީ ބޮޑެތި ބާރުތަކުގެ މެދުގައި "ދުނިޔޭގެ 3 ވަނަ ބޮޑު ހަނގުރާމަ"އެއް ފެށި، އެ ހަގުރާމައަކީ ފަނާކުރިވި ނިއުކުލިއަރ ހަތިޔާރުގެ ހަގުރާމައަކަށް ބަދަލުވެގެން ދިއުންކަމުގައި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.