ހުނޫ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް: ހައި ކޯޓު

ހުނޫ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް: ހައި ކޯޓު

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި، ޓިކްޓޮކުން އާންމުންގެ ތެރެއަށް މަޝްހުރުވެގެން ދިޔަ ހުނޭސާ އާދަމް ނަސީރު (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތްކަމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

ކްޓޮކުން އާންމުންގެ ތެރެއަށް މަޝްހުރުވެގެންދިޔަ ހުނޫ ފަހުންވަނީ ފިލްމީ ދާއިރާއިންވެސް ފެނިފައެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އަދި ތަހުގީގަށްފަހު އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ޑައިފޯމިން އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ހުނޫ ދޫކޮށްލައިފައެވެ. ނަމަވެސް އެނިންމުން މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ބާތިލްކޮށް، ބަންދާ މެދު އަލުން ގޮތެއް ނިިންމަން ކްރިމިނަލް ކޯޓަށް އަމުރުކުރިއެވެ.

ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމިއިރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ހުނޫ ދޫކޮށްލުމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހުނޫ ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރުގެ އިހްތިޔާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އިހްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓުތަކަށް ވަދެ، ބަސް ބުނެވޭނީ އިސްތިސްނާ ހާލަތްތަކެއްގައިކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާކަމަށާއި،  މި މައްސަލާގައި އެފަދަ ހާލަތެއް އޮތްކަން ދައުލަތަށް ނުދެއްކޭކަމަށެވެ.

އެހެންކަމުން ހުނޫ ދޫކޮށްލުމުގައި ގޯހެއް ނެތްކަމަށް ހުކުމުގައިވެއެވެ. މިގޮތަށް ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *