ދަރްމާ ޕްރޮޑަކްޝަނުން ބޮލީވުޑަށް ތައާރަފް ކުރި އަނައްނިޔާ ޕާންޑޭ ހަމަ އެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ވެބް ސީރީޒަކަށް ސޮއިކޮށްފިއެވެ.
މިއީ އަނައްނިޔާ ވެބް ސީރީޒް އަކަށް ސޮއިކުރި ފުރަތަމަ ފަހަރެވެ. މި ވެބް ސީރީޒް އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްގެ ޑިޖިޓަލް ގޮފި ކަމަށްވާ ދަރުމަޓިކް އެންޓަޓެއިންމަންޓުން ގެނެސްދޭ ސީރީޒެކެވެ.
އަނައްނިޔާ މި ސީރީޒްގައި ވަރަށް ނުފޫޒު ގަދަ ފެޝަން ބިލިއަނަރެއްގެ ރޯލު ކުޅެން ތަައްޔާރުވަމުން އަންނައިރު މި ސީރީޒްގެ ނަމަކީ "ކޯލް މީ ބާއީ" އެވެ.
މީގެ ކާސްޓުގައި ދެން ހިމެނޭނީ ކޮން ތަރިންނެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. މިއީ އިޝީތާ މޮއިތުރާ، ސަމީނާ މޮޓްލެކަރު އަދި ރޯހިތު ނައިރު ލިޔެފައިވާ ވާހަކައަކަށް "ދޯސްތާނާ 2″ގެ ވެސް ޑައިރެކްޓަރު ކޮލިން ޑި ކުންހާ ޑައިރެކްޓުކުރާ ސީރީޒެކެވެ. އެ ފިލްމުގެ ކާސްޓްގައި ހިމެނޭ ކާތިކް އާރިއަން 2020 ގައި ފިލްމުން ވަކިކުރުމާ ގުޅިގެން އޭގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނައްނިޔާ ބޮލީވުޑަށް ނުކުތީ ކަރަން ޕްރޮޑިއުސްކުރި 2019ގެ "ސްޓޫޑެންޓް އޮފް ދަ އިޔާ 2″ އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ވެސް އެ ސްޓޫޑިއޯގެ ފިލްމަކުންނެވެ. އެއީ ބޮޑުތަނުން ފްލޮޕްވި "ލައިގާ" އެވެ.
އަނައްނިޔާ ވަނީ ދާދިފަހުން އޭނާގެ ކުރިއަށްއޮތް ފިލްމު "ޑްރީމް ގާލް 2″ ގެ މަސައްކަތް ފެށިކަން އިއުލާނުކޮށްފައެވެ. އަޔޫޝްމާން ކުރާނާއާއެކު އޭނާ ލީޑުން ފެންނަ މި ފިލްމު ދައްކާނީ އަންނަ އަހަރު ކަމަށް ބެލެވެއެވެ. "ޑްރީމް ގާލް 2″ އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޑްރީމް ގާލް" ގެ ސީކުއަލް އެކެވެ.