ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ނީލަމް ކޮޓާރީ އޭނާގެ އަލަތު ވެބް ސީރީޒަށް ސޮއިކޮށްފިއެވެ.
ނީލަމަކީ ހިންދީ ސިނަމާގައި 1980 އާއި 1990 ގެ ކުރީކޮޅު ވަރަށް ވިދާލި ބަތަލާއެކެވެ. އޭނާގެ އަލަތު ފިލްމަކީ 1984 ގެ "ޖަވާނީ" އެވެ. އޭގެ ފަހުން ނީލަމް ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު، އޭނާ އާއި ގޯވިންދާގެ ޖޯޑަކީ އެ ދުވަސްރު އެންމެ މަގުބޫލުވި އެއް ޖޯޑެވެ.
ދެ ތަރިން އެކުގައި ވަރަށް ގިނަ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ލަވް 86″ އާއި "ސިންދޫރު" އާއި "ޚުދްގަރްޒް" އާއި "ހަތިއާ" އަދި "ފަރްޒް ކީ ޖަންގް" ހިމެނެ އެވެ.
52 އަހަރުގެ ބަތަލާ ސޮއިކޮށްފައި ވަނީ އެމޭޒަން ޕްރައިމް ވީޑިއޯގެ ސީރީޒް "މޭޑް އިން ހެވެން" ގެ ދެވަނަ ސީޒަނަށެވެ. މިއީ ޑައިރެކްޓަރުން ކަމަށްވާ ޒޯޔާ އަޚްތަރާއި ރީމާ ކަތުގީ އިސްކޮށް ތިބެގެން ގެނެސްދިން ވަރަށް ކާމިޔާބު ވެބްސީރީޒެކެވެ.
މީގެ ޝޫޓިން މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށް ދާއިރު ސީރީޒްގެ ކާސްޓާ ގުޅުނުކަން ނީލަމް ހާމަކޮށްފައި ވަނީ ނެޓްފްލިކްސް އިން ދާދި ފަހުން ޕްރިމިއާކުރި "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ދެވަނަ ސީޒަންގެ އެޕިސޯޑެއްގައެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އަކީ ބޮލީވުޑްގެ ހަތަރު އެކްޓަރެއްގެ އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ އެއްޗެކެވެ. ނީލަމުގެ އިތުރުން ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭއާއި ސޮހައިލް ޚާންގެ ގާތުން ދާދި ފަހުން ވަރިވި ސީމާ ޚާން ފެނިގެން ދެއެވެ.
ނުވަ އެޕިސޯޑްގެ "މޭޑް އިން ހެވެން" އެމޭޒަން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރީ މާޗް 8، 2019 ގަ އެވެ. އޭގެ ކާސްޓްގައި ޝޮބީތާ ދުލިޕާލާ، އަރުޖުން މާތޫރު، ކަލްކީ ކޮއެޗްލިން، ޖިމް ސަރްބް، ޝަޝަންކް އަރޯރާގެ އިތުރުން ޝިވާނީ ރަގްވަންޝީއާއެކު ބޮޑު ކާސްޓެއް ހިމެނެ އެވެ.
ވަރަށް ކާމިޔާބު، ރީތި ފިލްމުތަކެއް ކުޅުނަސް ނީލަމަކީ މިހާރު ހާލަކުން ފަހަރަކު ނޫނީ ފިލްމަކުން ފެންނަ ބަތަލާއެއް ނޫނެވެ. ނަމަވެސް އަނެއްކާވެސް އޭނާ އަންނަނީ މަޑު މަޑުން ފިލްމީ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.
ކޮމެންޓު ފޮނުވާ