ބޮލީވުޑްގެ ވަރުގަދަ ދެ ތަރިން ކަމުގައިވާ ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން އެކުގައި ފެނިގެންދާ ފިލްމު "ވިކްރަމް ވޭދާ" ގައި ރިތިކް ތިން ގޮތަކަށް ނުވަތަ ތިން 'ލުކް' އެއްގައި ފެންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
މިއީ މިއަހަރުގެ ވަރަށް އުންމީދީ އަދި ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި ފިލްމަކީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެތަރިން ވަނީ އެކުގައި 2002 ވަނަ އަހަރު ”ނަ ތުމް ޖާނޯ ނަ ހަމް“އިން ފެނިގެން ގޮސްފައެވެ.
މި ފިލްމް ޝޫޓިން މިހާރު ނިންމާލައިފާ ވާއިރުގައި މިހާރު ކުރަމުން އަންނަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ތަކެވެ. އަދި ހަމަ އެހެންމެ ފިލްމުގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފައެވެ.
ވަރަށް ތަފާތުކޮށް މި ފިލްމުން ރިތިކް ފެނިގެންދާއިރު ފިލްމަށް ރިތިކް ވަނީ މުޅި މީހާއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ބޮޑު ތުނބުޅިއަކާއެކު ވަރުގަދަ ހަށިގަނޑެއް ގައި ރިތިކް ފެނިގެންދާ މި ފިލްމުގައި މީގެ ކުރިން އޭނާ ނުފެންނަ ފަދަ ގޮތަކަށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއީ ހަމަ މިނަމުގައި 2017 ގައި ގެނެސްދިން ތަމަޅަ ފިލްމުގެ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރީ ތަމަޅަ ފިލްމު ވެސް ޑައިރެކްޓްކުރި ޕުޝްކަރް އަދި ގަޔަތުރީއެވެ.
ތަމަޅަ ފިލްމުގައި ވޭދާގެ ރޯލު ވިޖޭ ސެތުޕަތީ ކުޅުނުއިރު، ވިކްރަމްގެ ރޯލު ކުޅުނީ އާރް މާދަވަންއެވެ. މި ފިލްމުގައި ދައްކުވައި ދެނީ ފުލުހަކާއި ގެންގްސްޓާރެއްގެ މެދުގައި ހިނގާ ކަންތައްތަކެކެވެ.
ފުލުހެއްގެ ގޮތުގައި މި ފިލްމުގައި ސައިފް ފެނިގެންދާއިރު ގޭންގްސްޓާރެއްގެ ގޮތުގައި ފެނިގެން ދަނީ ރިތިކެވެ. ފިލްމު ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައެވެ.