ކޯވިޑް19އަށް ފަރުވާ ކުރުމަށްފަހު، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ހޮސްޕިޓަލުން ދޫކޮށްފިކަމަށް މަހާތީރުގެ އޮފީހުން ބުނެފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަން 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވާ، މިހާރު އުމުރުން 97 އަހަރު، އަދި މިހާރުވެސް އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރެއް ކަމުގައިވާ މަހާތީރު އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވާ ބޭފުޅެކެވެ. އަދި ހާރޓްއެޓޭކެއް ޖެހިވަޑައިގަތުމާއި ގުޅިގެން މަހާތީރުވަނީ ބައިޕާސް އޮޕަރޭޝަނެއްވެސް މީގެކުރިން ކުރައްވާފައެވެ.
މަހާތީރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ވާގޮތުން، ކޯވިޑް19އަށް ޕޮޒިޓިވުމާއި ގުޅިގެން އޭނާ މެލޭޝިއާގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެޑްމިޓް ކުރީ ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އަދި މިހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް ކަރަންޓީންގައި ހުންނަވާނެއެވެ.
މަހާތީރުވަނީ ކޯވިޑް19ގެ 3 ޑޯޒްގެ ވެކްސިނވެސް ޖައްސާވާފައެވެ. އެން ފަހު ޑޯޒް ޖައްސަވާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
2003 ވަނަ އަހަރާއި ހަމައަށް، 22 އަހަރުވަންދެން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، ދެވަނަފަހަރަށް މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވީ، އުމުރުން 92 އަހަރުގައި، އެއަހަރު ބޭއްވުނު އާންމު އިންތިޚާބު އިދިކޮޅު ކޯލިޝަން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އެއިންތިޚާބުގައި ބަލިވީ، މިހާރު ޖަލައްލާފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒިރު ނަޖީބު ރަޒަކްގެ އަމްނޯ ޕާޓީއެވެ. އެއީ ކުރިން މަހާތީރު ލީޑަރުކަން ކުރެއްވި ޕާޓީއެވެ.
2018ވަނަ އަހަރު ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވުމަށްފަހު، 2 އަހަރުފަހުން މަހާތީރު މަގާމުން އިސްތިއުފާ ދެއްވީ، އޭރުއޮތް ކޯލިޝަންގެ އެތެރޭގެ ކޯޅުންތަކާހެދިއެވެ.
ކޮމެންޓު ފޮނުވާ