ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ އަނބިކަބަލުންގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތު ވެއްޖެ

ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ އަނބިކަބަލުންގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތު ވެއްޖެ

Author
ހުސެއިން
01 ސެޕްޓެމްބަރ 2022 07:53
0

ކޮރަޕްޝަންގެ ތުހުމަތު ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒަކްގެ އަނބިކަބަލުން ރޮސްމާހު މަންސޫރުގެ މައްޗަށްވެސް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތައް ސާބިތުވާކަމަށް މެލޭޝިއާގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް ސާބިތު ވެފައިވަނީ، ނަޖީބުގެ ވެރިކަމުގައި ސަރުކާރުގެ ޕްރޮޖެކްޓެއް އެވާޑް ކުރުމުގެ ބަދަލެއްގެ ގޮތުން ރިޝްވަތު ނަގާފައިވާކަމުގެ ދައުވާއެވެ.

މި ހަފްތާގެ ބުރާސްފަތި ދުވަހު ރޮސްމާހުގެ މައްޗަށް ކޮރަޕްގެ ދައުވާ ސާބިތުވެފައިވާކަމަށް ހައި ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ ފިރިކަލުން، ކުރީގެ ބޮޑުވަޒިރު ނަޖީބުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، މެލޭޝިއާގެ ސުޕްރިމް ކޯޓުން އޭނާ 12 އަހަރަށް ޖަލަށްލާން ހުކުމް ކުރިތާ އެއް ހަފްތާ ފަހުންނެވެ.

ނަޖީބު ޖަލަށް ލާފައިވަނީ، އޭނާ ވެރިކަމުގައި އުފެއްދި، ދައުލަތުގެ 1MDB (ވަންއެމްބީޑީ) ފަންޑުން އޭނާ ވައްކަން ކުރިކަމަށް ސާބިތު ވުމާއި ގުޅިގެންނެވެ.

ރޮސްމާހުގެ މައްޗަށް ވަނީ، މެލޭޝިއާގެ ރަށްފުށު ސިޓީއެއް ކަމުގައިވާ ސަރަވާކްގެ ސްކޫލްތަކުގައި އަވިން ހަކަތައް އުފެއްދުމަށް ހިންގި 279 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކާއި ގުޅުންހުރި ކޮރަޕްޝްންގެ ތުހުމަތުތަކާއި ގުޅިގެން 3 ދައުވާއެއް އުފުލާފައެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވެފައިވާ ގޮތުގައި، އޭނާވަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ ޖެޕަކް ހޯލްޑިންގްސްއަށް މި ޕްރޮޖެކް ހޯދާ ދިނުމުގެ ބަދަލެއްގެ ގޮތުން 187.5 މިލިއަން ރިންގިޓް (41.8 މިލިއަން ޑޮލަރު) ހޯދުމަށް ހުށަހަޅާފައެވެ. އަދި ވިދާޅުވެފައިވަނީ، ޖެޕަކް ހޯލްޑިންގްސްއަށް މި ޕްރޮޖެކްޓް ލިބުމުގެ ބަދަލެއްގެ ގޮތުން ރޮސްމާހަށް 5 މިލިއަން ރިންގިޓް (1.12 މިލިއަން ޑޮލަރު) ލިބިފައި ވާއިރު، މި ފައިސާ މާރުކޮށްގެން ފައިދާގެ ގޮތުގައި 1.5 މިލިއަން ރިންގިޓް (334,578 ޑޮލަރު) ލިބިފައި ވާކަމުގައެވެ.

ކުއާލަލަމްޕޫރުގެ ހައި ކޯޓުންވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ 3 ދައުވާވެސް ސާބިތުވާކަމަށް ނިންމާފައެވެ.

އަމިއްލަ ސްޓައިލެއް ގެންގުޅުންވާ، މެލޭޝިއާގެ ކުރީގެ ފަސްޓް ލޭޑީ ވަނީ މިހުރިހާ ދައުވާތަކަށްވެސް އިންކާރު ކޮށްފައެވެ. އޭނާ ބުރާސްފަތިދުވަހު ކޯޓަށް ހާޒިރުވެފައިވަނީ، މެލޭޝިއާގެ ގައުމީ ހެދުމެއްގައި ބޮލުގައި ސްކާފެއް އަޅުއްވައިގެން އަދި މާސްކެއްވެސް އަޅުއްވައިގެން، މުޅިންވެސް ރީނދޫކުލައިގެ ހެދުމެއްގައެވެ. އުމުރުން 70 އަހަރުގެ ރޮސްމާހު ބުރާސްފަތި ދުވަހު ރިޕޯޓަރުންނާ ވާހަކަ ދައްކާފައެއް ނުވެއެވެ.

2018ވަނަ އަހަރުގެ އާންމު އިންތިޚާބުން ނަޖީބުގެ އަމްނޯ ޕާޓީ ބަލިވުމަށްފަހު، ނަޖީބުއާއި އޭނާގެ އަނބިކަބަލުން މެލޭޝިއާ ދޫކޮށް ޕްރައިވެޓް ޖެޓެއްގައި ފުރައިގެން ދާން އުޅޭކަމަށް ތުހުމަތު ކުރެއްވި އެތައްހާސްބަޔަކު ކުއާލާލަމްޕޫރު އެއަރޕޯޓަށް ޖަމާވެފައި ވެއެވެ. އެއަށްފަހު މެލޭޝިއާގެ ފުލުހުންވަނީ ދެމަފިރިން ދިރިއުޅުއްވާ ގެ ފާސްކޮށް، އެގެއިން އެތައް މިލިއަން ޑޮލަރަކާއި، ނަޖީބުގެ އަނބިކަބަކުންގެ އަގު ބޮޑު އެތައް ދަބަހަކާއި، އަގުބޮޑު ރަނާއި ގަހަނާއާއި އަދި އަގުބޮޑު ގަޑިފަދަ ތަކެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރޮސްމާހުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތައް ސާބިތުވުމާއި ގުޅިގެން އޭނާގެ މައްޗަށް 20 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، މި ހުކުމް އޭނާ މަތީ ކޯޓުގައި އިސްތިއުނާފް ކޮށްފިނަމަ، މައްސަލަ ނިމެންދެން ޖަލުހުކުން ތަންފީޒު ކުރަން ނުޖެހޭނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.