މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ބަދަހިކޮށް، ގަދަކޮށް މަސައްކަތް ކުރާނޭ ކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެނާ މިހެން ވިދާޅުވީ އިއްޔެ ނިމުނު އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ޞާލިހާއިއެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓު ކުރައްވަމުންނެވެ. އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ޞާލިހު ވެވަޑައިގެންފައިވާވައުދުތައް ފުއްދައި ދެއްވާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫންކަމަށެވެ. ރައީސް ޞާލިހު ވެފައިވާ ވައުދުތައް ފުއްދައި، ދެވަނަ ދައުރަކަށް ކުރިމަތިލައި ކާމިޔާބު ހޯދުމަށް ކުރަންޖެހޭ ހުރިހަ ކަމެއް އައްޑޫ ސިޓީ ކުރާނެކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ރައްިތުންނަށް ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދުތައް މާތް ރަސްކަލާންގެ އިރާދަފުޅާއިއެކު 100 ޕަސެންޓް ފުއްދައި ދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. ރައީސް އަށް 2 ވަނަ ދައުރެއް އަރުވަން ބަދަހިކޮށް ގަދަކޮށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
– އަލީ ނިޒާރު ވިދާޅުވިއެވެ.
އިއްޔެގެ ކޮންގްރެސް ނިންމަވާލައްވަމައި ވާހަކަ ދައްކަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބައްޓަންކުރަންވީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްކަމަށް ވިދާޅުވެފައެވެ. އަދި ވާދަވެރިން ބަލިކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި އެކަން ކުރުމަށް އަވަސްވެގަތުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ގޮވާލެއްވިއެވެ.
މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. 2023ގެ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް އަޅުގަނޑަކަށް ނުފެނޭ. މި ޕާޓީއަކީ އިންތިޒާމްވެގެން ރޭވިފައި އޮތް ޕާޓީއެއް. ގޮފިތައް އެބަހުރި. ރަށްރަށުގެ އޮފީސްތައް އެބަހުރި. އަދި މައި އޮފީސްވެސް އެބަހުރި. ބޭނުންވަނީ ހަރަކާތްތައް ފަށަން. މާދަމާ އަޅުގަނޑު އެދެނީ މިކަމައިގެން އަވަސްވެ ގަންނަން.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށިއިރު ޕާޓީގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތައް ޕާޓީގެ ދެ ލީޑަރުން އެއްގޮތްކުރެއްވުމުން، ކޮންގްރެސްމަނުން ވަނީ ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ. އަދި ކޮންގްރެސް ނިންމާލެއްވީ ދެ ރައީސުން ސްޓޭޖުމަތީގައި ސަލާމްކުރެއްވުމާއެކުއެވެ.
ކޮމެންޓު ފޮނުވާ