ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މިދައުރު ނިމޭއިރު ރާއްޖޭގައި މުޅި ޖުމްލަ 51 މެގަވޮޓްގެ ސޯލާ ކެޕޭސިޓީ ހަރުކޮށް ނިމޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިހާރު ހިނގަމުންދާ އެމްޑީޕީގެ ކޮންގްރެސްގައި ސަރުކާރުން ހިންގާ ތިމާވެށީގެ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުން މިހާތަނަށް ސޯލާ ހަކަތައިގެ ދާއިރާއިން 40 ރަށެއްގައި ކުރިއަށްގެންގޮސްފައިވާ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ސަރުކާރުގެ މިދައުރު ނިމޭއިރު މުޅި ރާއްޖޭގައި ޖުމްލަ 51 މެގަވޮޓްގެ ސޯލާ ކެޕޭސިޓީ ހަރުކޮށް ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މިއީ މިދިޔަ ދައުރުގައި ރާއްޖޭގައި ސޯލާ ހަރުކުރެވުނު ނިސްބަތުން ބަލާއިރު ދެގުނަ އިތުރު ޢަދަދެއްކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގައި ހަރުކޮށްފައިވަނީ 16.5 މެގަވޮޓްގެ ސޯލާ ކެޕޭސިޓީކަމަށާއި މިއަހަރުގެ މިހާތަނަށް އައިއިރު މިވީ 4 އަހަރުގެ ތެރޭގައި މިޢަދަދު 36.5 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދައިން އަހަރަކު 151 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ 41.8 މެގަވޮޓްގެ ސޯލާ މަޝްރޫޢު މިހާރުވެސް ޓެންޑަރިން މަރުޙަލާގައި ކުރިއަށްދާކަމަށެވެ. އަދި މިއީ ބެޓަރިއާއި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާއެކު ކުރަމުންދާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 3 ބިލިއަން ރުފިޔާގެ މިމަޝްރޫޢު ނިމިގެންދާއިރު ދައުލަތުން ތެލަށް ކުރާ ހޭދަ އަހަރަކު 320 މިލިއަނުން މަދުކުރެވޭނެއެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ މިހުރިހާ މަޝްރޫޢެއްގެ މަސައްކަތް ނިމިގެންދާއިރު ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުކުރެވިގެންދާނެކަމަށެވެ. އެއީ އަހަރަކު ތެލަށް ކުރާހޭދަ 900 މިލިއަނުން ސަލާމަތްކުރެވޭނެ ޢަދަދެކެވެ.