ކޮންގްރެސް ފަސްކުރުމަށް އާޒިމް ހުށައަޅައިފި

ކޮންގްރެސް ފަސްކުރުމަށް އާޒިމް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
18 އޮގަސްޓް 2022 06:05
0

މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށައަޅައިފިއެވެ.

ކޮންގްރެސް ގޮފިތައް އުފައްދާފައިވާގޮތާއި ގުޅިގެން ހިތަހަމް ނުޖެހުން ފާޅުކޮށް އާޒިމް ކޮންގްރެސް ފަސްކުރުމަށް އެދުނީ އެމްޑީޕީގެ އެތެރޭޣައި ޚިޔާލުތަފާތުވުން އުފެދިފައިވަނިކޮށެވެ. ޚާއްޞަކޮށް އެމްޑީޕީގެ ރައީސް ނަޝީދު ބަރުލަމާނީ ނިޒާމް ގެނައުމަށް ކޮންގްރެސްއަށް ޤަރާރެއް ހުށައަޅާފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ޤަރާރު އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.

 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލްއަށް ޢާޒިމް ފޮނުއްވި ސިޓީގައި ވަނީ،  ޕާޓީގެ އެންމެ އިސްގުނަންގެ ގޮތުގައި އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮންގްރެސްގައި ގޮފިތަކުގެ ރައީސުންނަށް ބައިވެރިވެ ވޯޓު ދިނުމުގެ ފުރުސަތު ދީފައި އޮންނަކަމަށް ވިދާޅުވެފައެވެ. އަދި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވައިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލްތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ފަހު ކަމަށާއި، ކޮންގްރެސްގައި ބައިވެރިވާ ގޮފީގެ ރައީސާއި ނައިބު ރައީސްވާން ޖެހޭނީ އެ އުސޫލުން އިންތިހާބުވެފައިވާ ފަރާތަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުން އިންތިހާބުކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ގާނޫނީ ގޮތުން އުފެދިފައި އޮތް ސުވާލަށް ޖަވާބެއް ހޯދާފައި ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އާޒިމް އެދިވަޑައިގެންފައިވެއެވެ. 1،200 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކޮންގްރެސް އޮންނާނީ މާދަމާ ސޯޝަލް ސެންޓަރުގައެވެ. ކޮންގްރެސްއަށް ގިނަކަންތައްތަކެއް ހުށައެޅިގެންދާނެއެވެ. އަދި ތާޢީދު ހޯދުމަށް ވޯޓަށް އަހާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.