އެތެރެއާއި، ބޭރުން ނަގާ ރާޅުތަކުން ރައީސް ޞާލިހު މިޤައުމު ސަލާމަތް ކޮށްދެއްވާނެ: ޤާސިމް

އެތެރެއާއި، ބޭރުން ނަގާ ރާޅުތަކުން ރައީސް ޞާލިހު މިޤައުމު ސަލާމަތް ކޮށްދެއްވާނެ: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 11:08
0

ރައީސް ޞާލިހުގެ ވެރިކަމުގެ ދެ އަހަރުގައި ކުރިމަތިވެފައިވާ ގޮން ޖެހުންތަކާއި، ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަނެ މިޤައުމު އަމާން ބަދަރަކަށް ގެންދަވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ރައީސް ޞާލިހަށް އެބައޮތްކަމުގައި ކޯލިޝަންގެ ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުގެ ވެރިކަމަށް ދެއަަރު ފުރުމުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުވައްވައި ޤާސިމް ވިދާޅުވި ރައީސް ޞާލިހު ވެރިކަން ކުރައްވަނީ އެއްވެސް ގޮތަށް ފަސޭހަ ކަނޑެއްގައި ނޫންކަމަށެވެ. އެމަނިފާނަށް ސަރުކާރުގެ ތެރެއިންނާއި، ސަރުކާރުގެ ބޭރުންވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އުދަގޫތަކާއިއެކުވެސް ކެތްތެރިކަމާއިއެކު އެކަންކަމާއި ކުރިމަތިލައްވައި ކާމިޔާބީއާއި ހަމަޔަށް ވާސިލްވުމަށް ގަދައަޅާ މަަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އެމަނިކުފާނު މިޤައުމުގެ ހިދުމަތުގައި ކުރިމަތި ވަމުންދާ ޕްރެޝަރާއި އެކުވެސް ކޮށްދެއްވަމުންދާ އަގުހުރި ހިދުމަތަށް ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 2 އަހަރުފުރޭ އުފާވެރިމުނާސަބަތުގައި އެމަނިކުފާނަށް ތަހްނިޔާ އަރިސްކުރަމެވެ. އެތެރެއާއި ބޭރުން ނަގާ އެކިރާޅުތަކުން ސަލާމަތްވެ ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމަނިކުފާނު ކުރައްވާ އިޚްލާޞްތެރި މަސައްކަތުގައި الله ތަޢާލާ ބަރަކާތްލައްވާށިއެވެ.
– ޤާސިމް ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަނާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ މިވަގުތުގައި ރައީސް ޞާލިހު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ހެދިފައި އޮތް ކޯލިޝަން ދެމިއޮންނާނެކަމަށާއި ލީޑަރުންނާއި ފޯނުން ގުޅުއްވައި މިހާރުވެސް ބަރާބަރަށް މަޝްވަރާކުރައްވާކަމަށެވެ. އެގޮތުން ކޯލިޝަންގެ ބައްދަލުވުންތައް ކުރިއެކޭ އެއްގޮތަށް ނުބޭއްވެނީ ޝެޑިއުލްތައް ދިމާނުވާތީކަމަށާއި ނަމަވެސް ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީ ކޯލިޝަންގެ ލީޑަރުންގެ މަޝްވަރާއާއި އެކުގައި ކަމަށެވެ. އެގޮތުން، ވަކިވަކިން ލީޑަރުންނާއި ފޯނުން ގުޅުއްވައި މުހިންމު ކަންތައްތަކުގައި މަޝްވަރާކުރައްވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި، އަމިއްލަފުޅަށްވެސް ކަންކަމުގައި އިސްނަންގަވައު މަޝްވަރާކުރެއްވުމަށް ގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުސާބަތުގައި މިއަދު މާބޮޑު ހަރަކާތްތެއް ނެތްކަމުގައި ވީނަމަވެސް މިމަހުގެ 11 ވަނަ ދުވަހު ރައީސް ޞާލިހުވަނީ ޤައުމާއި މުޚާތަބް ކުރައްވައި ފާއިތުވެދިޔަ 2 އަހަރުގެ މަސައްކަތްޕުޅާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށްވުރެ ބޮޑެތި ގެއްލުންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމަށް ވުމާއެކު ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.