ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ރައީސް ސާލިހުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލުގެ ތާއީދު ބޭނުންވާކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާނޭކަން ފައްޔާޒު އިސްމާއިލް ހާމަ ކުރައްވައިފިއެވެ.
މިކަން ހާމަ ކުރައްވަމުން މިހާރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ އޭނާއަކީ ފެށުނީއްސުރެ ރިޔާސީ ނިޒާމަކަށް ތާއީކުރަމުން އައި މީހެއް ކަމަށާއި، ވެރިކަން ހިންގުމަށް އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ ރަގަޅު ނިޒާމަކީ މިހާރު އަމަލު ކުރަމުންއަންނަ ގާނޫނު އަސާސީގައި އެކަށައަޅާ ދީފައިވާ ރިޔާސީ ނިޒާމު ކަމުގައެވެ.
މީގެ ކުރިން ފައްޔާޒް އިސްމާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ފާއިތުވެދިޔަ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައިވެސް ފައްޔާޒާއި ދެކޮޅަށް ކެމްޕޭން ކުރެއްވި ނަޝީދު ވަނީ ރާގު ބަދަލު ކުރައްވާ، ފައްޔާޒުއާއި ދެކޮޅަށް ނިކުންނެވުމަކީ ހެއްދެވުނު ގޯހެއްކަމުގައި ވިދާޅުވެފައެވެ.
އެއާއެކު ނަޝީދުވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުންވާ ގަރާރު ގާނޫނުހަދާ މަޖިލިހަށް ހުށަހަޅުއްވާ، އަދި މި ގަރާރު ތަފްސީލު ކޮށްދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވަވާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި، ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ގައުމީ މަޖިލިހަށް ހުށަހެޅެއްވި ގަރާރުގެ ތަފްސީލްތައް އާންމު ކުރައްވާފައެވެ.
ނަޝީދު އާންމު ކުރެއްވި އެ އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ރައީސްއަށް ދެއްވުން ހިމެނެއެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ނަޝީދުގެ މަގުސަދަކީ މިވަގުތަށް، ރައީސަކަށް ހުންނަވާ ބޭފުޅަކަށް ބާރުތައް ލިބިދޭ ގޮތަށް ރުހުންދީގެން، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރަައީސް ސާލިހުގެ ތާއީދު ހޯއްދެވުމެވެ.