ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ދެ ފިލްމެއްގެ މަސައްކަތް ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން ކުރަމުން އަންނަ ކަމަށް ކަރަން ބުނެފިއެވެ.
ދާދިފަހުން ސާރާ ވަނި ކަރަން ގެނެސްދޭ ޓޯކް ޝޯވ "ކޮފީ ވިތު ކަރަން" ގައި ބައިވެރި ވެފައެވެ. އެޝޯ ގެ ގެސްޓެއްގެ ގޮތުގައި ސާރާ އާއި ޖާންވީ ބައިވެރި ވި އިރު، ކަރަންވަނީ ސާރާ ވަރަށް ބޮޑަށް ބާކީކޮށް ޖާންވީ މޮޅުކޮށް ވާހަކަ ދައްކާފައެވެ.
މިކަމާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މިވާހަކަ ދެއްކިވެސް މެއެވެ. އަދި ކަރަން ވަރަށް ބޮޑަށް ޖާންވީއަށް ތައުރީފްކޮށް ސާރާ ބާކީ ކޮށްލިކަމަށްބުނެ ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވިއެވެ.
ނަމަވެސް ޖަވާބުގައި ކަރަން ބުނީ އެކަހަލަ ކަމެއް ނުކުރާ ކަމަށެވެ. އެއާއެކުގައި އޭނާ ވަނީ ސާރާ އޭނާގެ ދެ ފިލްމެއްގައި މަސައްކަތް ކުރާކަން އިއުލާން ކޮށްފައެވެ. ނަމަވެސް އެ ފިލްމާ ބެހޭގޮތުން އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ސާރާއަށް ކަރަންގެ ފިލްމަކުން ފުރުސަތު ދިންކަން އިއުލާން ކުރި އިރު ސާރާގެ ދޮން މަންމަ ކަރީނާ ކަޕުރާއި ކަރަން އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.
ސާރާ މީގެ ކުރިން ވެސް ކަރަން ޕްރޮޑިއުސްކުރި ފިލްމެއް ކުޅުނެވެ. އެއީ 2018 ގައި ރަންވީރު ސިންގްއާއެކު ކުޅުނު، ޑައިރެކްޓަރ ރޯހިތު ޝެޓީގެ "ސިމްބާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އޭނަގެ 8 ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހާއްސަ ފެނިލުމަކުން ވެސް ސާރާ ފެންނާނެއެވެ.
ސާރާ މިވަގުތު މަސައްކަތްކުރަނީ ޑައިރެކްޓަރ ލަކްސްމަން އުތޭކަރުގެ ފިލްމެއްގައެވެ. އަދި މިހާތަނަށް ވަކި ނަމެއް ދީފައިނުވާ މި ފިލްމުގައި އޭނާ ފެންނާނީ ވިކީ ކޯޝަލްއާ އެކުގައެވެ.
ދެހާސް އަށާރައިގެ "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް ސާރާ، 27، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދިން "އަތުރަންގީ ރޭ" އެވެ.