ބެލުންތެރިންގެ މެދުގައި މަގުބޫލު ވެގެން ދިއަ ޖޯޑެއް ކަމަށްވާ ޝަމީތާ ޝެއްޓީ އާއި ރާގޭޝް ބުޕެޓްގެ ލޯބީގެ ގުޅުން ނިމިފައި ވާކަން ޝަމީތާ ކަށަވަރު ކޮށްދީފިއެވެ.
މި ދެމީހުން ރައްޓެހިވީ މިދިއަ އަހަރު ގެނެސްދިން 'ބިގްބޮސް އޯޓީޓީ' ގެ ތެރެއިންނެވެ. އެއަށް ފަހު ބިގް ބޮސްގެ ގެއިން ނުކުމެވެސް އެގުޅުން ދުވަސް ކޮޅަކު ދެމިއޮތެވެ.
ރާގޭޝްއާ ރުޅިވިކަން ޝަމީތާ ވަނީ ސޯޝަލް މީޑީއާ ގައި ހިއްސާ ކޮށްފައެވެ. އޭނާ ބުނީ މިހާރު ރާގޭޝް އާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ޖޯޑެއްގެ ގޮތުގައި ފޭނުން އެމީހުން ބަލައިގަނެ، ދިން ލޮތްބަށް ޝޫކުރު ވެރިވާކަމަށާއި އެމީހުންގެ ލަވައެއް ވަރަށް އަވަހަށް ރިލީޒް ވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެގޮތުގައި އެމީހުން ދެކެ ލޯބިވުމަށް ފޭނުން ކިބައިން އެދޭ ކަމަށް ވެސް ޝަމީތާ ވަނީ ބުނެފައެވެ.
ދެމީހުން އެކުގައި އުޅުނު އިރު ރާގޭޝް އާއި ޝަމީތާގެ އާއިލާއާ ވެސް ވަރަށް ބޮޑަށް ގުޅުން ބަދަހި ވެގެން ދިޔައެވެ. އަދި ޝަމީތާގެ އާއިލީ ހަފްލާ ތަކާއި ޗުއްޓީތަކުގައި ވެސް ރާގޭޝް ވަނީ ބައިވެރި ވެފައެވެ.
މި ދެމީހުންގެ ކައިވެނީގެ ވާހަކަ ވެސް ދޭތެރެ ދޭތެރެއިން އައީ ގަދަވަމުންނެވެ. އަދި ހަމަ ދޭތެރެ ދޭތެރެއިން އެމީހުންގެ މެދުގައި މައްސަަލަ ޖެހިފައިވާ ކަމުގެ އަޑުތަށް ވެސް އަރައެވެ. ނަމަވެސް ކައިވެންޏަކާ ހަމައަށް ނުގޮސް ވަނީ ގުޅުން ނިމިފައެވެ.
ޝަމީތާ ޝެއްޓީ، 43، މިހާތަނަށް އަދި ކައިވެޏެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ރާގެޝް ވަނީ މީގެ ކުރިން ޓީވީ ބަތަލާ ރިދީ ޑޯގްރާއާ ކައިވެނި ކޮށްފައެވެ. 2011 ވަނަ އަހަރު އެދެމީހުން ކުރި ކައިވެނި ރޫޅުނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ދަރިއަކު ނުހުރެއެވެ.
ކާމިޔާބު ބަތަލާ ޝިލްޕާ ޝެއްޓީގެ ކޮއްކޮ ޝަމީތާ އަކީ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ލިބުނު މީހެއް ނޫނެވެ. އަދި ހަމަ އެހެންމެ ކުޅޭނެ ފިލްމެއް ނުލިބި އޭނާގެ ފިލްމީ ކެރިއަރު ވަނީ ހަލާކު ވެފައެވެ.
ކޮމެންޓު ފޮނުވާ