މުޙައްމަދު އިސްމާއިލް ބަންދު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

މުޙައްމަދު އިސްމާއިލް ބަންދު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

Author
ޢަލީ އާދަމް
23 ޖުލައި 2022 01:45
0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި, ހަމަނުޖެހުން ހިންގި މައްސަލައިގެ ތަހުގީގަށް ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލްގެ ހައްޔަރުކޮށްފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މުޙައްމަދު އިސްމާއިލްގެ ފަރާތުން އޭނާގެ ބަންދު ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅާފައި ވަނީ އިއްޔެއެވެ.

މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން މިމަހުގެ 7 ވަނަދުވަހު ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލާގައި ޕީޕީއެމުން ވަނީ އޭނާ ވަގުތުން ދޫކޮށްލައި، ޔޯގާ ހަރަކާތް ހުއްޓުވުމާގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.

މި މައްސަލާގައި މުޙައްމަދު އިސްމާއީލްއާއި ޕީޕީއެމްގެ އެކްޓިވިސްޓް މުޙައްމަދު ރައްޒާން ހައްޔަރުކުރިއިރު ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުން ހިފައިގެން ތިބި ދިދަތަކަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެވެ. ޕީޕީއެމް އޮފީހުން ދިދަތައް ދޫކުރަން މުޙައްމަދު އިސްމާއިލް ހުރި ފޮޓޯތަކެއް އެދުވަހު ދައުރުވި ނަމަވެސް، ހަމަނުޖެހުން ހިނގި ވަގުތުގައި އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.