މަސްދަރު ހާމަކުރަން މަޖުބޫރު ވީއިރުވެސް، ގިނަ ނޫސްވެރިން ހަނު! މިނިވަން ނޫސްވެރިކަމަށް އިރު އޮއްސުނީތަ؟

މަސްދަރު ހާމަކުރަން މަޖުބޫރު ވީއިރުވެސް، ގިނަ ނޫސްވެރިން ހަނު! މިނިވަން ނޫސްވެރިކަމަށް އިރު އޮއްސުނީތަ؟

ފުރިހަމަ، މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރަށްވެސް ފާރަވެރިވާނޭ 4 ވަނަ ބާރެއް އޮވެއެވެ. އަދި ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ދާނީވެސް، މިއުސޫލުން މުޅި ދައުލަތުގެ މައްޗަށް ފާރަވެރިވާނޭ، 4 ވަނަ ބާރެއް ވުޖޫދުގައި އޮވެގެންވެސްމެއެވެ.

މިގޮތުން ޑިމޮކްރަސީގެ މި 4 ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް "ފެހި ގާނޫނު އަސާސީ"އިން އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަޑައަޅާ، އެގާނޫނު އަސާސީގެ 2 ވަނަ ބާބުގެ 28ވަނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މައްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑު ކަމުންނެވެ.

ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބު (ދެވަނަ ބާބު)ގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކޮށްދީފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

ނޫސްވެރިކަން ކުރުމާއި، މުއާޟަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: އާ ގާނޫނު އަސާސީންވަނީ ނޫސްވެރިކަމުގެ އެންމެ ބޮޑު ހިމާޔަތުގެ ގޮތުގައި މަސްދަރު ރައްކާތެރިކުރުން ކަނޑައަޅާދީފަ

ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާދީ، އެމާއްދާގެ ދަށުން ދުލާއި ގަލަމުގެ މިނިވަންކަމުގެ ބޭނުން ކުރެވޭނޭ ހުދޫދުތަކުގެ މައިގަޑު އަސާސްތައް ބަޔާން ކޮށްފައިއެވަނީ، މި މުހިންމު އަސާސީ ހައްގުގެ ފޮނިމީހުރުކަން ރައްޔިތުންނަށް ލިބި ދީގެން މެނުވީ މިނިވަން ޑިމޮކްރަސީއަކަށް ދިރި ދެމި ނުއޮވެވޭނެކަން، ފެހި ގާނޫނު އަސާސީ ފަރުމާކޮށް، އެގާނޫނު އަސާސީއަށް ވޯޓުދީ، އެގާނޫނު އަސާސީ ފާސްކޮށް ތަސްދީގު ކުރެއްވި ބޭފުޅުންނަށް ރަގަޅަށް އޭރުވެސް ފަހުމް ވެގެންނެވެ.

އަދި ހަމަ އެފަދައިން، މިދެންނެވުނު ބީދައިިން، އާގާނޫނު އަސާސީ ތަސްދީގުކުރެވުމަށްފަހު، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވާ ސިޔާސީ އެތަކެއް ހަލަބޮލިކަމެއްގެ ތެރެއިންވެސް، ގާނޫނޫއަސާސީން ލިބިދީފައި އޮތް އިސްވެ ދެންނެވުނު ނޫސްވެރިކަމުގެ މިނިވަންކަން މަރާނުލެވި، ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ނޫސްވެރިކަން މިހާތަނަށް ވާސިލްވެގެން އައިސްފައި ވާކަން މިއަދު ފާހަގަ ކުރަން ޖެހެއެވެ.

މިސާލެއްގެ ގޮތުން، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ނޫސްވެރިކަމަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، ރައީސް ޔާމިންގެ ވެރިކަމުގައި، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ނޫސްވެރިކަމަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ދިވެހި ނޫސްވެރިކަމަށް އިރެއް ނުއޮއްސުނެވެ.

އެންމެ އަސާސީ ހަމަތަކުން ބަޔާން ކުރާނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް، ހިފެހެއްޓޭނެ ހައްގެއް ނޫނެވެ. އެހައްގު ރައްކާތެރި ކުރުމުގެ ގޮތުން، ގާނޫނު އަސާސީން ލިބިދީފައިއޮތް، މަސްދަރު ރައްކާތެރިކުމުގެ ހައްގު އެއްވެސް ހާލަތެއްގައި، އެއްވެސް ބަޔަކަށް ނިގުޅައިގަތުމުގެ ފުރުސަތެއް ނެތެވެ. އެއީ މުތުލަގަށް ލިބިދީފަ އޮތް ހައްގެކެވެ.

 

މަސްދަރު ހާމަކުރަން މަޖުބޫރު ވުމުން، އޮތް ރައްކާތެރިކަން ނެތި ދިޔައީ!

މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުގެ ގޮތުގައި ސިފަކުރެވިފައި އޮންނަނީ، ސަރުކާރެއް ޒިންމާދާރު ކުރުމުގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާތަކުގެ ބޮޑުކަމުންނެވެ. އަދި ހަމަ އެފަދައިން، ސަރުކާރެއް ޒިންމާދާރުކޮށް، ވަކީން ޚާއްސަކޮށް، ސިޔާސީގޮތުން ނުފޫޒުގަދަ މަގާމްތަކުގައި ތިބޭ ފަރާތްތަކުގެ އަމަލްތަކަށް ނޫސްވެރިންނަށް ފާރަަވެރި ވެވޭނޭ މިންވަރަށް ގިނަފަހަރަށް ފާރަވެރި ވެވޭނެ އެހެން މުވައްސަސާއެއް ނުވަތަ ފަރާތެއް ދައުލަތެއްގެ ތެރޭގައި ނޯންނާތީވެސް މެއެވެ.

ސަބަބަކީ ދައުލަތުގެ ގިނަ މުވައްސަސާތަކަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ސިޔާސީ އިސް ފަރާތްތަކުގެ އަތްމަތީގައި އޮވެމެ، އެފަރާތްތައް ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު ދައުލަތުގެ ތެރޭގައި އަދާކުރުމުގެ ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ތަނަވަސް ވެފައި ނޯންނާތީވެސްމެއެވެ. އަދި މި މިމަސްއޫލިއްޔަތުގެ އަދާކުރުމުގައި، ރާއްޖެ ފަދަ ޅަފަތުގެ ޑިމޮކްރަސީތަކުގައި، މަސްލަހަތުގެ ފުށުއެރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، ސިޔާސީ ޑީލްތައް ހަދައިގެން މަގާމްތަކަށް މީހުން އައްޔަންކުރުން ފަދަ އެތަކެއް ކަމެއް ހިގާ، މިފަދަ އެތަކެއް މައްސަލަތައް ފެންމަތިވެފައި އޮންނާތީވެސް މެއެވެ.

އެހެންނަމަވެސް، މިއާއި ޚިލާފަށް، ނޫސްތައް ހިންގާ ފަރާތްތަކަކީ، އެމީހުންގެ މަސައްކަތްތައް ދުވަހުން ދުވަހުން އަދާކުރުމުގައި، ދައުލަތުގެ ވަކި ފަށަލައަކުން، ނުވަތަ ވަކި ބާރަކުން ރުހުން ލިބުމުން ވަޒީފާއަދާކުރަން ނިކުންނަ ބައެއް ނޫނެވެ.

އެހެންކަމުން، މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން ނޫސްވެރިކަމެއް ދެމި އޮވެފައި، ސަރުކާރާއި، ގައުމުގެ މުހިންމު، ބޮޑެތި ނިންމުންތައް ނިންމުމުގައި އިސްކޮށް ތިއްބަވާ، ސިޔާސީ ގޮތުން ނުފޫޒްގަދަ ފަރާތްތައް ޒިންމާދާރު ކުރުވުމުގައި ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައި އޮންނަ އެންމެ ވަރުގަދަ ހަތިޔާރަކީ "މަސްދަރު" ރައްކާތެރި ކުރުމުގެ ހައްގެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓު ލަނީ: މީޑިއާ ކައުންސިލުން މީޑިއާ ޒިންމާދާރު ކުރުމުގެ މުހިންމަ މަސްއޫލިއްޔަތު އުފުލަން ޖެހޭ

މާނައަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތް ސިއްރުކޮށްފައި ބޭއްވުމުގެ ހައްގު ވަނީ ނޫސްވެރިޔާއަށް މުތުލަގަށް ލިބިދީފައެވެ. އަދި އެއީ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މައިގަޑު އަސާސް ވެސްމެއެވެ. ސަބަބަކީ، ސިޔާސީ ފަރާތްތަކުން ހަދާ "އަންޑަރ ގްރައުންޑް" ޑީލްތަކާއި، އަދި އަމިއްލަ މަސްލަހަތުގައި ނިންމާ ނިންމުންތަކުގެ އެންމެ ފުނަށް ދަތުރު ކުރުމުގައި، ނޫސްވެރިޔާއަށް، އަމަލީ ގޮތުން ހޯދާބެލުމަށް ފުރުސަތު ތަނަވަސް ވެގެންދަނީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު ނުވަތަ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ހައްގު އޭނާއަށް ފުރިހަމަޔަށް ލިބިދީގެން ކަމުގައި ވާތީއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިގާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، މަރުގެ ހާދިސާތައްފަދަ، އެކަންކަމުގެ އެންމެ ފުނާހަމަޔަށް ދަތުރުކުރުމުގެ ފުރުސަތުނެތް ކިތަންމެ މައްސަލަތަކެއް ތިލަވެގެން އައިސްފައި އޮތީ، އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ތެރެއިންނެވެ.

ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމާއި ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ގާނޫނު އަސާސީން ލިބިދީފައި ނެތްނަމަ، އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު އާންމުންގެ މެދުގައި ހާމަވެ، އޭނާއާއި އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާވާނޭކަން ސާފުކޮށް އެގެން އޮންނަ ހާލަތެއްގައި، މިފަދަ މުހިންމު، އަދި ސިޔާސީގޮތުން ނުފޫޒުގަދަ އެތައް ބައެއްގެ މަސްލަހަތާއި ގުޅުންހުރި، ސިއްރިޔާތުގައި ހިގައިގެން ގޮސްފައި ހުންނަ ކަންކަމަކީ ދުވަހަކުވެސް، އާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން އަންނާނޭ ކަންތައްތަކެއް ކަމުގައި ވެގެން ނުދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

ގާނޫނު އަސާސީން މިނިވަން ނޫސްވެރިކަމުގެ އެންމެ މުހިންމު އަސާސެއްގެ ގޮތުގައި މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ލިބިދީފައި އޮންނަނީ މިސަބަބުތައް މިބީދައިން ހުރުމުގެ ސަބަބުންނެވެ.

އަދި، ގާނޫނު އަސާސީން މުތުލަގަށް ރައްކާތެރިކަން ފޮރުކޮށް ދީފަ އޮތް މިހައްގު، އެއްވެސް މަރުހަލާއެއްގައި ނޫސްވެރިންގެ ކިބައިން ނިގުޅައިގަނެވޭ ގޮތަށް ބަދަލު ކުރުމަށްފަހު، ނުސްވެރިން "ގަދަޔަށް ލިޔަންވީ ކަމުގައި" ބައެއް ފަރާތްތަކުން ވިދާޅުވިއެއް ކަމަކު، މި ހައްގު ނިގުޅައިގަތުމުން ގެއްލިގެންދާ ރައްކާތެރިކަން އުބުރާ އިއާދެއްވެސް ނުމެ ކުރެވޭނޭމެއެވެ.

 

ނޫސްވެރިން ހަނު!

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ހެއްކާއި ބެހޭ ބިލުގައި  136 ވަނަ މާއްދާއިން، ނޫސްވެރިން ލިޔާ ޚަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހެއްކާބެހޭ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން މި މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުންވަނީ ހެއްކާބެހޭ ގާނޫނަށް ބަދަލު ގެނެސްފަ

އެހެންކަމުން، ރާއްޖެފަދަ ބަލިކަށި ޝަރުއީ ނިޒާމެއް އޮތް ގައުމެއްގައި، އަދި ކޯޓުތަކުގެ ގާޒީންގެ މައްޗަށް ސިޔާސީ ފަރާތްތަކުގެ ނުފުޒު އޮތް ގައުމެއްގައި، ކޯޓުތަކަށް މަސްދަތރު ހާމަކުރަން ނޫސްވެރިންނަށް މަޖުބުރުވެގެން ދިއުމުން، ހަގީގަތުގައިވެސް، މިނިވަން ނޫސްވެރިކަމަށް އެކުރިމަތުވެގެން ދިޔައީ ވަރަށްވެސް ބޮޑު ނުރައްކަލެއް ކަމުގައި ދަންނަވާން ޖެހެއެވެ. ނޫސްތަކުގައި ލިތާ ނޫސްވެރިންނަށް އޮތް ރައްކާތެރިކަން އެކީ ނެތިގެން ދިޔައީ ކަމުގައި ގަބޫލުކުރަން މަޖުބޫރު ވެއެވެ.

ހިތާމައަކީ، ނޫސްވެރިންނަށް ލިބިދީފައި އޮތް މިހައްގު މި ބީދައިން ނުގުލައިގަނެވިގެން ދިޔައިރުވެސް، ޕެޓިޝަނެއްގައި ސޮއި ކުރުން ފިޔަވާ، ނޫސްވެރިކަމުގެ ހައްގުގައި އިހުތިޖާޖު ކުރާނޭ ނޫސްވެއަކު މިއަދު ފެންނާން ނެތްކަމެވެ. މި ބިލް މަޖިލީހުން ފާސްކުރި ދުވަހު "ހައެއްކަ" ނޫސްވެރޔަކު މަޖިލިސް ކުރާ ގޭގެ ކައިރީގައި ކުޑަ އިހުތިޖާޖެއް ކުރުން ފިޔަވާ، އަދި ރައީސުލްޖުމްހުރިއްޔާ މިގާނޫނު ތަސްދީގު ކުރެއްވުމުން، އެމްޖޭއޭއިން ނެރުނު ނޫސްބަޔާން ފިޔަވާ، މިމައްސަލާގައި، މިނިވަން ނޫސްވެރިކަމުގެ ހިމާޔަތުގައި ނޫސްވެރިން ތެދުވި މަންޒަރު ފެންނާކަށް ނެތެވެ.

އެހެންނަމަވެސް ނޫސްވެރިކަމާއި، ނޫސްވެރިންގެ ހައްގުގައި ނޫސްވެރިން ކޮށްފައިވާ ބޮޑެތި މުޒާހިރާތަކާއި އިހުތިޖާޖްތައް މާ ދުރުނޫން މާޒީތަކުން ފެންނާން އެބަހުއްޓެވެ. ނޫސްވެރިންނާއި ނޫސްވެރިކަމުގެ ހިމާޔަތުގައި ނޫސްވެރި ތެދުވެފައި އެބަހުއްޓެވެ. އަދި މިގޮތުން ނޫސްވެރިންވި ބޮޑެތި ގުރުބާނީ ގޮތުގައި ނޫސްވެރިންނަށް ބޮޑެތި އަނިޔާތައްވެސް ލިބިފައި އެބަހުއްޓެވެ.

އެހެންކަމުން، ގާނޫނު އަސާސީން ނޫސްވެރިންނަށް މުތުލަގަށް ލިބިދީފަ އޮތް އެންމެ ވަރުގަދަ ހައްގު، ސިޔާސީ ފަރާތްތަކުން ނިގުޅައިގަތް އިރުވެސް މިއަދު މި ފެންނަނީ ނޫސްވެރިންގެ "މައިބަދަ" ބިނދިފައި ވާތަނެވެ. ހިތްވަރެއް ނެތެވެ. މިނިވަން ނޫސްވެރިކަމުގެ ހައްގުގައި ތެދުވުމުގެ ޝައުގާއި ފޯރިވެސް ނެތްތަނެވެ. މިބީދައިން މިއަދުގެ ނޫސްވެރިކަން އޮވެއްޖެނަމަ، ކޯޓުތަކާއި ހަމައަށްވެސް ނުގޮސް މަސްދަރު ހާމަކުރަންޖެހޭ ހާލަތު އައުން އޮންނާނީ މާދުރަކުއެއް ނޫންކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *