ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ވިންގާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ކްލަބް ވެލެންސިއާއާ ގުޅި އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވެއްޖެއެވެ.
ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން ބޮކުރީ ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާގައި ދެއްކި ކުޅުން ރަނގަޅުވުމުން އެ ޓީމުން މި ވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރަން ފަށާއިރު ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އޭނާގެ ސޮއި ވެސް ހޯދައިފައެވެ. މިއީ ދެ ސީޒަނަށް ފަހު ފުރަތަމަ ޑިވިޝަނަށް ބޮކުރީ ވެސް އެނބުރި އައުމެކެވެ. ބޮކުރީ އަންނަނީ މި މަހު ހަތަރު ވަނަ ދުވަހުން ފެށިގެން ވެލެންސިއާ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
ފުރަތަމަ ޑިވިޝަނުން ވަކިވި ފަހުން ބޮކުރީ 2018 ވަނަ އަހަރު ފެނުނީ ދެ ވަނަ ޑިވިޝަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. މި އަހަރު ކުޅުނު މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ވެލެންސިއާ އިން ވަރުގަަދަ ސްކޮޑެއް އެކުލަވާލިއިރު އެ ޓީމަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ބޮކުރީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާ އެންމެފަހުން ފުރަތަމަ ޑިވިޝަންގައި ކުޅުނީ 2017 ވަނަ އަހަރުއެވެ.
ބޮކުރީގެ އިތުރުން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު ނިއު ރޭޑިއަންޓްގުގެ ކުރީގެ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ޓީސީ އާއި ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު ނަސޫހު ރަޝީދު (ޕިލާ) އާއި ނިއު އާއި ޓީސީ އަދި މާޒިޔާ އަށް ކުޅުނު މުހައްމަދު ސާމިރު ވެސް ވަނީ ވެލެންސިއާ އަށް ކުޅެން ނިންމައި އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.