މެދުއިރު މައްޗަށާއި އަރަބި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑްން ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާންއާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލު ކުރައްވައިފިއެވެ.
ސައުދީ އަރަބިއާގެ ޖިއްދާގައި ބޭއްވުނު މި ބައްދަލުވުންތަކުގައި ބައިޑްންވަނީ ސައުދީ އަރަބިއާގެ ރައްކާތެރިކަމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އިއްޔެގެ ހަވީރުގެ ވަގުތެއްގައި ސައުދީ އަރަބިއާއަށް ވަޑައިގެންނެވި ބައިޑްން ކިންގ ސަލްމާންއާއި ބައްދަލު ކުރައްވާފައިވަނީ، ޖިއްދާގައި ހުންނަ އަލް ސަލާމް ރޯޔަލް ޕެލަސްގައެވެ. އެއަށްފަހު ބައިޑްންވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއެކީ ސައުދީ އޮފިޝަލުންނާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ބައިޑްން ވިދާޅުވެފައިވަނީ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާއި ގުޅޭގޮތުންނާއި އަދި އެކަށިގެންވާ މިންވަރަށް ތެޔޮ ފޯރުކޮށް ދިނުމާ ގުޅޭގޮތުންވެސް ވަރަށް ރަގަޅު މަޝްވަރާތަކެއް ކުރެވިގެން ދިޔަކަމުގައެވެ.
"ކިންގ ސަލްމާންއާއެކީ ކުރެވިގެންދިޔަ މަޝްވަރާތަކަށްފަހު އަހަރެން އުއްމީދުކުރަނީ، ކުރިޔަށް އޮތް ހަފްތާތަކުގައި ދުނިޔޭގެ ތެލުގެ ސަޕްލައިއާއި ގުޅޭގޮތުން ސައުދީ އަރަބިއާއިން ރަގަޅު ނިންމުންތަކެއް ނިންމަވާނެކަމަށް،" ބައިޑްން ވިދާޅުވެފައި ވެއެވެ.
ބައިޑްންގެ މިދަތުރުފުޅުގައި ބައިޑްން އަހުދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލު ކުރައްވާތީ އޭނާއަށްވަނީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެގެން ގޮސްފައެވެ.
ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީގައި ޖަމާލް ޚާޝޮގީ މަރާލާފައިވަނީ މުހައްމަދު ބިން ސަލްމާންގެ އަމުރަށްކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ހިންގި ތަހުގީގަށްފަހު އެ މުވައްސަސާއިން ވަނީ ނިންމާފައެވެ.
އަދި ފާއިތުވެދިޔަ ރިޔާސީ ކެމްޕޭންގައި ބައިޑްން ވިދާޅުވެފައިވަނި ޚާސޮގީ މަރާލި މީހުން ޒިންމާދާރު ކުރުވާނެ ކަމުގައެވެ. އަދި ބައިޑްން ވިދާޅުވެފައިވަނީ މި ޖަރީމާއަށް ސައުދީ ޖަވާބުދާރީ ނުވެއްޖެނަމަ އެގައުމު ދުނިޔެއިން އެކަހެރި ކުރައްވާނޭ ކަމުގައެވެ.
އެހެންނަަވެސް، ވެރިކަމުގެ 3 ވަނަ އަހަރު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި ބައިޑްން މުހައްމަދު ބިން ސަލްމާންއާއި ބައްދަލު ކުރައްވާތީ އެމެރިކާގެ ސިޔާސީ މަސްރަހުގައިވެސް ބައިޑްންއަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ