އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ އަނބިކަބަލުން އަދި ދޮށީ 3 ދަރިންގެ މަންމަ އިވާނާ ޓްރަމްޕް އުމުރުން 73 އަހަރުގައި ނިޔާވެއްޖެއެވެ.
"އެއީ ހުރިހާ ގޮތަކުންވެސް ވަރަށް ރަގަޅު، ރީތި، އާދަޔާ ޚިލާފު، މިސާލެއްފަދަ ދިރިއުޅުއްވުމެއްގެ ވެރި އަންހެނެއް،" އިވާނާ ޓްރަމްޕް ނިޔާވުމާއި ގުޅިގެން، އަމިއްލަފުޅު މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ކުރެއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އިވާނާ ޓްރަމްޕް އުފަންވީ މިހާރުގެ ޗެކް ރިޕަބްލިކްގައެވެ. އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްއާއި ކައިވެނި ބައްލަވައިގަތީ 1977ވަނަ އަހަރުއެވެ. އެއަށްފަހު ދެމީހުން ވަރިވެފައިވަނީ އޭގެ 15 އަހަރުފަހުން، 1992 ވަނަ އަހަރުއެވެ.
ދެމީހުން އިނދެގެން އުޅުން 15 އަހަރު ތެރޭ 3 ދަރިން ލިބިފައި ވެއެވެ. އެއީ، ޑޮނަލްޑް ޖޭއާރުއާއި، އިވާންކާ އަދި އެރިކް ޓްރަމްޕްއެވެ.
އެސޯސިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިވާނާ ޓްރަމްޕް ނިޔާވި ސަބަބެއްކަމުގައި ބެލެވެނީ ކޮންމެވެސް ކަހަލަ ކުއްލި ކަމެއްގެ ސަބަބުންނެވެ.

ބައެއް ފަރާތްތަކާއި ހަވާލާދީ އެސޯސިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައިވަނީ، އިވާނާ ޓްރަމްޕް ފެނުނީ، ނިއުޔޯކުގައި ދިރިއުޅުއްވާ ގޭގެ ސިޑިކައިރިއަށް ވެއްޓި ހޭނެތިފައި އޮއްވައެވެ. ބެލެވޭ ގޮތުގައި އިވާނާ ޓްރަމްޕް ހޭނެތިފައިވަނީ ވެއްޓުމުގެ ސަބަބުންނެވެ.
ޑޮނަލްޑް ޓްރަމްޕްއާއި އިވާނާ ޓްރަމްޕްއަކީ 80 އަދި 90ގެ އަހަރުތަކުގައި ނިއުޔޯކު ސިޓީގައި މަޝްހޫރުވެގެން އައި ދެމަފިރިންނެވެ. އަދި ދެމީހުންގެ ވަރިވެސް ވެގެން ދިޔައީ ވަރަށް މަޝްހޫރުވެގެން ދިޔަ ވަރިއަކަށެވެ.
ދެމީހުން ވަރިވުމަށްފަހު އިވާނާ ޓަރަމްޕްވަނީ ގަހަނާއާއި ހެދުމަށް ޚާއްސަކޮށްގެން ބިއުޓީ ޕްރޮޑަކްޓްގެ ވިޔަފާރިއަށް ޚާއްސަ ވެގެންފައެވެ.
ކޮމެންޓު ފޮނުވާ