ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2022 01:26
0

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމެއް ހުސްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އައްޔަން ކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި ދީބާނާޒު ހަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.

ޖޭއެސްސީން ވިދާޅުވީ މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމަށް އެދޭކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ އިނާޔަތްތަކާއިއެކު 48،300 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 30,000.00 ރުފިޔާ އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000.00 ރުފިޔާގެ އިތުރުން، ރިސްކް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 3,300.00 ރުފިޔާއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ގާޒީ ދީބާނާޒް އައްޔަން ކުރަން ނިންމީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހަމީދު މަގާމުން ވަކި ކުރެއްވުމާއި އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އިސްތިއުފާ ދެއްވުމުންނެވެ. ދީބާނާޒްގެ އިތުރުން ހައި ކޯޓަސް ދެން އައްޔަން ކުރަން ނިންމާފައިވަނީ މުހައްމަދު ސަލީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.