އިސްލާހުނުކޮށް، ހެއްކާބެހޭ ބިލު ތަސްދީޤުކޮށްފިނަމަ ސްޕްރީމްކޯޓަށް ދަނީ

އިސްލާހުނުކޮށް، ހެއްކާބެހޭ ބިލު ތަސްދީޤުކޮށްފިނަމަ ސްޕްރީމްކޯޓަށް ދަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2022 07:22
0

ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި ބިލުގެ ބޭނުމެއް ކަމަށް ބުނެފައި އޮތީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ހެއްކާ ބެހޭ ބިލު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފައެވެ.

ބިލްގައި ވަނީ މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މިގޮތަށް ބިލްގައި އޮތުމުން ވަރަށް ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެގޮތުން ހެއްކާ ބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާޒް ގިލްޑުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ވަނީ ގޮވާލައިފައެވެ. އަދި އެ ބިލް ފާސް ނުކުރުމަށް އެދި ނޫސްވެރިންތަކެއް ވަނީ މަޖިލިހުގެ އިދާރާ ކުރިމަތީގައި އިހްތިޖާޖްކޮށްފައެވެ.

އެ ބިލުގެ 136 ވަނަ މާއްދާ އަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ އެމްޖޭއޭ އާއި އެމްއެމްސީން މީގެ ކުރިން ވަނީ އެ މާއްދާ އުނި ކުރުމަށް ވެސް ގޮވާލާފައިވެއެވެ.

އެމްއެމްސީން މިއަދު ބޭއްވި އެ ތަނުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވަނީ، ހެއްކާ ބެހޭ ގާނޫނު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި ނަމަ، އެ ގާނޫނުގެ 136 ވަނަ މާއްދާ ބާތިލު ކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. އެމްއެމްސީ އިން އެދިފައިވަނީ އެ ގާނޫނު އަލުން އިސްލާހު ކުުރުމަށް މަޖިލީހަށް ބިލް އަނބުރާ ފޮނުވާލުމަށެވެ.

މިމައްސަލާގައި ބިލް މަޖިލީހުން ފާސްކުރި ދުވަހު، ބިލް ފާސް ކުރުމުގެ ކުރިން މަޖިލިސް ކައިރީގައި ކަންބޮޑުވުން ފާޅުކުރި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ބިލު މަޖިލީހުން ފާސްކުރުމުމުގެ ކުރިން ވަރަށް ގިނަ މަސައްކަތްތަކެއް މަޖިލީހުން ކޮށްފައިވާކަމަށެވެ. އަދި ބިލުގެ ކޮމެޓީ މަރުހަލާގައި ޚިޔާލު ހޯދުމާއި، ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލުމުންވެސް މިފަދަ ކަންބޮޑުވުމެއް ލިބިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިބިލް މަޖިލީހުން ފާސްކުރި ނަމަވެސް އިސްލާހު ކުރުމުގެ ފުރުސަތު އޮތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލް ފާޅު ކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް މިފަދަ ޤާނޫނެއް އެކުލަވާލުމަކީ މިއީ ޤާނޫނީ ގޮތުން ކުރި ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށް ޤާނޫނީ ބޭފުޅުންވެސް ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.