ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންނަކީ ބަހާއި ޢަމަލު ދިމާނުވާ ބައެއްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ އެކު މަސައްކަތް ކުރެވެން ނެތްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ މިފަދަ ގޮތަކަށް ހަސަން ލަތީފް ވިދާޅުވާނަމަ އޭނާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ކަމްޕެއިންގައި އެންމެ ކުރީސަފުގައި ހުންނަވާނެ ބޭފުޅާކަމަށެވެ. އެމްޑީޕީގެ މަތިފަޑީގެ ޑީއެންއޭއަކީ ބަހާއި ޢަމަލު ދިމާނުވާ ބޭފުޅުންތަކެއްކަން އެންމެންނަށްވެސް އެގޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިމޭރުމުން ހަސަން ލަތީފް ވިދާޅުވެއްޖެތަ، އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިންގެ އެންމެ ކުރީގައި ހުންނަވާނީ އެބޭފުޅާ. އެމްޑީޕީ މަތިފަޑީގެ ޑީއެންއޭ ބަހާއި އަމަލާ ދިމާނުވާނެ.
– ޝިޔާމް ވިދާޅުވިއެވެ.
ހަސަން ލަތީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތްޕުޅުން އެބޭފުޅާ ދޫކޮށްނުލެއްވުނަސް, 2023 ވަނަ އަހަރުގައި އޮންނަ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެވެން ނެތް ކަމަށެވެ. އަދި ލަފާކުރެވެނީ ރައީސް ސޯލިހްއަށް އެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނޭކަން ހަސަން ލަތީފް ހާމަ ކުރައްވާފައި ވާއިރު، އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެޕާޓީއަށް އެންމެ ރަގަޅު ގޮތަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރުންކަމުގައެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަދި ރާއްޖޭގެ ކަންކަން ކުރިއަށްދާ މިސްރާބަށް ބަލާއިރު ރައީސް ޞާލިހު ވާދަ ނުކުރެއްވުމަކީ ޕާޓީއަށް އެންމެ ފައިދާވާނެ ގޮތްކަމުގައެވެ.
އެހެންނަމަވެސް ރައީސް ސާލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ބޭނުންވާނަމަ، ޗޮއިސްއެއްގެ ގޮތުގައި އެމަނިކްފާނު ހުންނެވި ކަމުގައެވެ.