ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފިއެވެ.
އެ މައްސަލައިގައި އޭނާއާއެކު ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރަޒާން ވަނީ ދޫކޮށްލާފައެވެ. ދުނިޔޭގެ ޔޯގާ ދުވަހާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅި މައްސަލައިގައި މިހާތަނަށް 21 މީހަކު ހައްޔަރު ކުރިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށާ، ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީއަށްވެސް ޖަވާބުދާރީ ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިބައްދަލުވުމުފައި ވާހަކަދައްކަވަމުން އެސިއްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިހަރަކާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް 21 މީހަކު ގެނެސްފައިވާކަމަށެވެ. އަދި މިހާތަނަށް މިހާދިސާގައި އަނިޔާވެރި ޢަމަލު ހިންގައިގެން ހޯދަން ބޭނުންވާ 4 މީހަކު ހޯދަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ.
ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ފުލުހުންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރިޔާޒުވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ