އިސޫ، މުއާ، އަހަންދު ޝަރީއަތް ނިމެންދެން ބަންދު

އިސޫ، މުއާ، އަހަންދު ޝަރީއަތް ނިމެންދެން ބަންދު

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 09:16
0

ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓު މުއާ) އެވެ. މި ތިން މީހުން ހައްޔަރުކުރީ މަރު ކޮމިޝަނުން ބޭރުގެ ތަޖުރިބާކާރަކާ އެކު ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކުގައި ލިބުނު އާ ހެކިތަކާ އެކުގައި ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މިކަމާ ބެހޭ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ރިޟުވާން ވަގަށްނަގައި މަރާލާފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި މިތިން މީހުންގެ ދައުރު މިކަމުގައި އޮތްކަން ވަނީ ހާމަވެފައެވެ. އެގޮތުން މިއަދު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިސްމާއިލް އަބްދުއްރަހީމް އަކީ ރިޟުވާން ގެއްލުމުގެ ކުރިން އޭނާއަށް ފާރަލައި ހެދި މީހެއްކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން އެނގެއެވެ. އެކޮމިޝަންގެ ރިޕޯޓުގައި އޭނާއަކީ ސީރިއާއަށް ޖިހާދަށް ދިއުމަށްޓަކައި ތުރުކީގެ ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހެއްކަންވެސް އެނގެއެވެ.

މީގެ އިތުރުންވެސް ބައެއް އެހެނިހެން ހަމަނުޖެހުންތަކުގައާއި، ހަރުކަށި ފިކުރުގެ އެކި ހަމަނުޖެހުންތަކުގައި އިސްމާއިލް އަބްދުއްރަހީމް ބައިވެރިވެފައިވާކަން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުން އެނގެއެވެ.

އަހަނދު އަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމާއި އަދި އިތުރު ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޭނާގެ އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.