ފްލޯޓިން ސިޓީގެ އެގްރީމަންޓަށް ބަދަލުތަކެއް ގެނެސްފި

ފްލޯޓިން ސިޓީގެ އެގްރީމަންޓަށް ބަދަލުތަކެއް ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 10:17
0

މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އެގްރީމެންޓަށް ބަދަލުތަކެއް ގެެނެސް, އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފިއެވެ.

މިރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ފާތިމަތު ނިލްފާއެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވީ، ކުރިން ފްލޯޓިން އައިލެންޑްތަކުގެ ކައިރީގައި ދެ ރިސޯޓު ހަދަން ޕްލޭން ކުރި ނަމަވެސް ދެން އެކަން ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ކަމަށެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަފާތު ކޮންސެޕްޓްތަކައިގެން ރާއްޖެއަށް އަންނަ އިންވެސްޓަރުންނާއެކު މަސައްކަތްކުރުމަށް ރާއްޖެ ހުޅުވާލާފައިވާކަމަށެވެ. ފްލޯޓިންގ ސިޓީ މަޝްރޫޢާއި ގުޅިގެން މިނިސްޓަރ މައުސޫމް ވިދާޅުވީ މިމަޝްރޫޢާއެކު ދުނިޔޭގެ މީޑިއާގައި ރާއްޖެއަށް ވަރަށް ބޮޑު ސަމާލުކަމެއް އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކުރިއެރުމެއްކަމަށެވެ.

މީގެ ދަށުން ޑިވެލޮޕްކުރާ މޮޑެލްއަށް ބަދަލެއް އައީ. ލީސްއަކަށް ނާދެ ބަދަލެއް. ރާއްޖެއަށް ފައިދާ ހުރި އިންވެސްޓްކުރަން ކޮންސެޕްޓަކާއެކު އަންނަ ބަޔަކަށް އޯޕަންކޮށް ރާއްޖޭގެ ޓޫރިޒަމް އޮތީ. ރާއްޖޭގައި ފްލޯޓިންގ ގެސްޓް ހައުސްތައް އަޅަންވެސް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިނިސްޓްރީއަށް އަންނަނީ ހުށައަޅަމުން.

– މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވޭންޑިކޭމް ވިދާޅުވީ މިހާރު ތަރައްޤީކުރާ ފްލޯޓިންގ ސިޓީ ކޮންސެޕްޓަކީ 2010 ވަނަ އަހަރު، އޭރުގެ ސަރުކާރާއެކު އެއްބަސްވެވުނު ކޮންސެޕްޓާ ތަފާތު ކޮންސެޕްޓެއްކަމަށެވެ. އޭރު އެއީ ހަމައެކަނި ފަތުރުވެރިކަމަށް އޮތް ފުރުސަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް މިހާރު މިޕްރޮޖެކްޓް ވެގެންދާނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް މަގުފަހިކުރާނެ ކޮންސެޕްޓަކަށް ކަމަށް ޕޯލް ވިދާޅުވިއެވެ.

ޢާއްމުންނަށް ދޫކުރާ ހައުސިންގ ޔުނިޓުތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރާ 1.6 ބިލިއަން ޑޮލަރުގެ ބިޔަ ފްލޯޓިންގ ސިޓީ މަޝްރޫޢަށް ސަރުކާރުންވަނީ މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑަށް ދީފައެވެ. އަދި މިސިޓީގައި 5000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން ހައުސިންގ މަޝްރޫޢު ތަރައްޤީކުރާ ފަޅާއި ޖެހިގެން އޮތް ފަޅުގައި ޔޮޓް މެރީނާ އާއި ރިސޯޓް ތަރައްޤިކުރުމަށްވެސްވަނީ ނިންމާފައެވެ.

ޑަޗް ޑޮކްލޭންޑާ އެކު 2019 ވަނަ އަހަރު ހެދި އެގްރީމެންޓަށް ބަދަލުތައް ގެނެސްފައިވާ އިރު އިއްޔެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ހައްލުތަކެއް ހޯދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެއެވެ. މި ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ޕްރޮޖެކްޓް ހިންގަން ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ތުހުމަތުކޮށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝޮކްތެރަޕީ
ހަގީގަތަކީ އެމްޑީޕީ ބޮޑުން ކުރަނީ ޒަމާނީ ވައްކަން
މ މުހައް
ތިޔައީ ނަޝީދު ލާރިގަޑެއް ހޯދަން ހިންގާ ޕްރޮޖެކް. އެއަރޕޯޓު 78 ޑޮލަރަށް ޖމރ އަށް ވިއްކާލީވެސް އޭނާ. ރައްޔިތުންޖެހުނީ އަމިއްލަ އެއަރޕޯޓު އެތައްމިލިޔަނެއް ދީގެން ހޯދަން. މައިޒާން އުމަރޭމެން ނަޝީދުގެ ވެރިކަމުގައި ދެއްކި ގާފަރުގައި ވައިން ކަރަންޓު އުފައްދައިގެން މާލެ ގެންނަން ދެއްކި ހުވަފެނަކީވެސް ތިކަހަލަ ޕްރޮޖެކްޓެއް. އިންޑިޔާގެ އެތަށް ވިޔަފާރިވެރިއެއްކައިރީގައި ތިމަންނައށް ވެރިކަން ލިބިއްޖެނަމަ އެމީހުންނަށް އޮންނަ ވިޔަފާރީގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވަނީ ބުނެފައި.