ޔޯގާ ހަރަކާތަށް ހުރަސް އެޅި މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި

ޔޯގާ ހަރަކާތަށް ހުރަސް އެޅި މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2022 04:19
0

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މީހުންނަށް އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، ކުށްވެރިކޮށް ދިވެހި ރައްޔިތުންގެ ޕާޓީ (އެމް.ޑީ.ޕީ.) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ، ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް ނުދޭކަމަށެވެ.

މި މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވައި، މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިއަދު ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ.

މިހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް އެތަނުގައި ތިއްބެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.