ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ޖުލައި މަހުގެ ފަހު ހަފްތާގައި ޢާއްމުނަށް ބޭނުންކުރުމަށް ހުޅުވާލުމަށް މަސައްކަތް ކުރައްމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޕިކްނިކް އައިލެންޑްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއާއި، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކުޑަގިރިއަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ކުޑަގިރީގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކުޑަގިރިއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުޑަގިރި ފެހިކުރުމަށް ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން، ގަސް އިންދަވާފައެވެ. އެއަށްފަހު އެސްއޯއީތަކުގެ އިސް ފަރާތްތަކާއެކުވަނީ، ވަކިވަކި ކުންފުނިތަކުން ހަވާލުވެ ކުޑަގިރި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ މާލޭގެ ރައްޔިތުން އާއިލާއާއިއެކު ވަގުތު ހޭދަކޮށްލާ، ހިތްފަސޭހަކޮށް ދަތުރުދެވޭނެ މާޙައުލެއް ޤާއިމުކުރުމަށް ރައީސްގެ ވަޢުދުފުޅަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
President @ibusolih visits the picnic island development site on Kudagiri Island in the Kaafu Atoll and assesses the projects’ progress. He also joined in tree planting activities held to make the island greener. pic.twitter.com/WZZ9JysT0B
— The President's Office (@presidencymv) June 16, 2022
ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. އަދި ރަށުގެ ގިނަ މަސައްކަތްތަކެއްވެސް އެޗްޑީސީގެ ބެލުމުގެދަށުން ދަނީ ކުރިއަށްގެންދަމުނެނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ، ރަށް ފުރަތަމަ ހުޅުވާލާއިރު، އެކަމަޑޭޝަން ބްލޮކްތައް ނުހުންނާނެކަމަށެވެ. ނަމަވެސް އާއްމު ދެން ޕިކްނިކް އައިލެންޑަކުން ލިބެންޖެހޭ އާއްމު އެހެން ހުރިހާ ޚިދުމަތްތައް ހުންނާނީ ޤާއިމުވެފައިކަމަށެވެ. އެކަމަޑޭޝަން ބްލޮކްތަކުގެ މަސައްކަތް ހިމެނެނީ، ޕިކްނިކް އައިލެންޑްގެ ފޭސް2 ގެ މަސައްކަތުގެ ތެރޭގައެވެ.
ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރުއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެއެވެ.